Wednesday, 29 July 2026
މި ހަމަލާތައް ދީފައި ވަނީ މިދިޔަ ފެބްރުއަރީ މަހުގެ 28 ވަނަ ދުވަހު އެމެރިކާ އާއި އިޒްރޭލުން އީރާނަށް ދިން ހަމަލާއާ އެކު ހަނގުރާމަ ހުއްޓާލުމަށް ގިނަ ދުވަސްތަކެއް ވަންދެން މަޝްވަރާ ކުރަމުން އަންނަ ދަނޑިވަޅެއްގަ -- ފޮޓޯ: ބީބީސީ

3 ދުވަސް ތެރޭ ދެވަނަ ފަހަރަށް އެމެރިކާއިން އީރާނަށް ހަމަލާދީފި

އެމެރިކާ އަސްކަރިއްޔާއިން އީރާނުގެ ބަންދަރު އައްބާސްގައި ހުންނަ އަސްކަރީ ސައިޓަކަށް އަމާޒުކޮށް އާ ހަމަލާތަކެއް ދީފިއެވެ. މިއީ ފާއިތުވި ތިން ދުވަސް ތެރޭގައި އެމެރިކާއިން އީރާނުގެ އަމާޒުތަކަށް ހަމަލާދިން ދެވަނަ ފަހަރެވެ. މި ހަމަލާތަކަކީ އަމިއްލަ ދިފާއުގައި ދީފައިވާ ހަމަލާތަކެއް ކަމަށް އެމެރިކާގެ ސެންޓްރަލް ކޮމާންޑް (ސެންޓްކޮމް) އިން ވަނީ ބުނެފައެވެ.

ސެންޓްކޮމްއިން ހާމަކުރި ގޮތުގައި، ހޯމްޒް ކަނޑުއޮޅި ކައިރިން ނުރައްކާ ކުރި އީރާނުގެ ހަތަރު ޑްރޯން އެމެރިކާ ސިފައިން ވަނީ ވައްޓާލާފައެވެ. އަދި ބަންދަރު އައްބާސްގެ ސައިޓަށް ހަމަލާދިނީ ފަސްވަނަ ޑްރޯނެއް ފޮނުވާލަން ތައްޔާރުވަމުން ދަނިކޮށް ކަމަށްވެސް އެމެރިކާއިން ބުނެއެވެ. އީރާނުގެ މީޑިއާތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި އެ ސިޓީގެ އިރުމަތީ ބިތުން ބާރުގަދަ ގޮވުންތަކެއްގެ އަޑު ވަނީ އިވިފައެވެ.

މި ހަމަލާތައް ދީފައިވަނީ އެމެރިކާއާއި އީރާނާ ދެމެދު އޮތް ނާޒުކު ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމެއްގެ ތެރެއިންނާއި، ތިން މަސް ދުވަހަށް ދެމިގެން ގޮސްފައިވާ ހަނގުރާމަ ނިމުމަކަށް ގެނައުމަށް މަޝްވަރާ ކުރަމުންދާ ދަނޑިވަޅެއްގައެވެ. މި ހަނގުރާމައިގެ ސަބަބުން ހޯމްޒް ކަނޑުއޮޅީގެ ދަތުރުފަތުރަށް ބުރޫއަރައި، ދުނިޔޭގެ ހަކަތައިގެ އަގުތައް ވަނީ އިންތިހާއަށް އުފުލިފައެވެ.

އީރާނުން ވަނީ މި ހަމަލާތައް ހަރުކަށި އިބާރާތުން ކުށްވެރިކޮށްފައެވެ. އީރާނު ސަރުކާރުން ބުނީ މިއީ ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމާ ހިލާފުވުން ކަމަށާއި، ދުޝްމަނުންގެ އެއްވެސް އަމަލަކަށް ރައްދު ނުދީ ދޫކޮށްނުލާނެ ކަމަށެވެ. މީގެ އިތުރުން، ކުވެއިތުގެ އަސްކަރިއްޔާއިން ބުނެފައިވަނީ އެ ގައުމުގެ ވައިގެ ދިފާއީ ނިޒާމުން ނުރައްކާތެރި މިސައިލާއި ޑްރޯންތަކެއް ހުއްޓުވާފައިވާ ކަމަށެވެ.

ހަމަލާތަކާ ގުޅިގެން އެމެރިކާއިން ވަނީ އީރާނުގެ "ޕާޝިއަން ގަލްފް ސްޓްރެއިޓް އޮތޯރިޓީ" އަށް ދަތިކުރުމުގެ ފިޔަވަޅު އަޅާފައެވެ. މިއީ ހޯރްމްޒް ކަނޑުއޮޅިން ދަތުރުކުރާ އުޅަނދުފަހަރުގެ އަތުން ފައިސާ ނެގުމަށް އީރާނުން އުފައްދާފައިވާ އިދާރާއެކެވެ. އެމެރިކާގެ ޓްރެޜަރީ ސެކްރެޓަރީ ސްކޮޓް ބެސެންޓް ވިދާޅުވީ މިއީ ބައިނަލްއަގުވާމީ ކަނޑުގެ ވިޔަފާރިން ފޭރުމަށް އީރާނުން ކުރާ މަސައްކަތެއް ކަމަށެވެ.

ދުނިޔޭގެ ތެލާއި ގޭހުގެ ފަސްބައިކުޅަ އެއްބައި ދަތުރުކުރާ މި މުހިންމު ކަނޑުއޮޅި ބަންދުވުމުގެ ސަބަބުން ދުނިޔޭގެ އިގްތިސާދަށް ބޮޑެތި ނޭދެވޭ އަސަރުތަކެއް ކުރަމުންދާއިރު، އީރާނުން ބުނަމުންދަނީ އެ ސަރަހައްދުން ދަތުރުކުރާ އުޅަނދުފަހަރުގެ އަތުން ފީ ނެގުމަކީ އެ ގައުމުން ފޯރުކޮށްދޭ ހިދުމަތްތަކަށް ނަގާ ފީއެއް ކަމަށެވެ.

 

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *