ގުދުސްގައި ހުންނަ މާތްވެގެންވާ އަލްއަޤްޞާ މިސްކިތުގެ ގޯތިތެރެއަށް، އަޟްޙާ ޢީދު ނަމާދު ކުރުމަށްޓަކައި ގިނަ އަދަދެއްގެ މުސްލިމުން ޖަމާވެއްޖެއެވެ. މިއަދު ކުރެވުނު މި ނަމާދުގައި ބައިވެރިވުމަށް ފަލަސްޠީނުގެ އެކި ސަރަޙައްދުތަކުން މީހުން ވަނީ މިސްކިތަށް ޙާޟިރުވެފައެވެ.
މިއަހަރުގެ އަޟްޙާ ޢީދު އައިސްފައިވަނީ، 2025 ވަނަ އަހަރުގެ އޮކްޓޯބަރު މަހުން ފެށިގެން އަމަލުކުރަމުންދާ ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމާ އިސްރާއީލުން ތަކުރާރުކޮށް ޚިލާފުވަމުންދާ ދަނޑިވަޅެއްގައެވެ.
ޣައްޒާގެ ހެލްތު މިނިސްޓްރީން ހާމަކޮށްފައިވާ ތަފާސްހިސާބުތަކަށް ބަލާއިރު، އޮކްޓޯބަރު 10 ވަނަ ދުވަހު އިސްރާއީލާއި ޙަމާސްއާ ދެމެދު ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުން އިޢުލާން ކުރި ފަހުންވެސް، އިސްރާއީލުން ދެމުންދާ ޙަމަލާތަކުގައި 880 އަށްވުރެ ގިނަ މީހުން ޝަހީދުވެ، 2,645 އަށްވުރެ ގިނަ މީހުން ވަނީ ޒަޚަމްވެފައެވެ.
ހަނގުރާމައިގައި މިހާތަނަށް 72,000 އަށްވުރެ ގިނަ މީހުން ޝަހީދުވެފައިވާއިރު، އޭގެ ތެރޭގައި ގިނައީ އަންހެނުންނާއި ކުޑަކުދިންނެވެ. މީގެ އިތުރުން 172,000 އަށްވުރެ ގިނަ މީހުން ޒަޚަމްވެ، މަދަނީ އިންފްރާސްޓްރަކްޗަރގެ ގާތްގަނޑަކަށް %90 ވަނީ ސުންނާފަތިވެފައެވެ.


