Tuesday, 28 July 2026
ވައިޓް ހައުސް ކައިރީގައި ހަމަލާދިނުން -- ފޮޓޯ: ގެޓީ އިމޭޖަސް

ވައިޓް ހައުސް ކައިރީގައި ބަޑީގެ ހަމަލާތަކެއް ބަދަލުކޮށް، ހަމަލާދިން މީހާ މަރާލައިފި

އެމެރިކާގެ ރިޔާސީ ގަނޑުވަރު، ވައިޓް ހައުސް ކައިރީގައި ހޮނިހިރު ދުވަހުގެ ހަވީރު ހިނގި ބަޑީގެ ހާދިސާއެއްގައި، ސީކްރެޓް ސާވިސްގެ އެޖެންޓުންނާ ބަޑީގެ ހަމަލާތަކެއް ބަދަލުކުރުމަށްފަހު ހަމަލާދިން މީހާ މަރާލައިފިކަން އޮފިޝަލުން ކަށަވަރުކޮށްދީފިއެވެ. މި ހާދިސާ ހިނގާފައިވަނީ ހޮނިހިރު ދުވަހުގެ އިރުއޮއްސި 18:00 ހާއިރު، ވައިޓް ހައުސްގެ އުތުރު ފަރާތުގައި އޮންނަ ޕެންސިލްވޭނިއާ އެވެނިއު ކައިރީގައެވެ.

މި ހަމަލާދިން މީހާއަކީ އުމުރުން 21 އަހަރުގެ ނަސީރް ބެސްޓް ނަމަކަށް ކިޔާ މީހެއްކަމަށް ސީބީއެސް ނިއުސްއިން ވަނީ ރިޕޯޓްކޮށްފައެވެ. އޭނާއަކީ މީގެ ކުރިންވެސް ސީކްރެޓް ސާވިސްއަށް އެނގޭ، އަދި ނަފްސާނީ ބަލިމަޑުކަމެއް ހުންނަ ކަމަށް ރެކޯޑް ކުރެވިފައިވާ މީހެކެވެ. ރިޕޯޓްތައް ބުނާގޮތުން އޭނާ ވަނީ ޖުލައި 2025 ގައިވެސް ވައިޓް ހައުސްއަށް ވަންނަން މަސައްކަތްކޮށްގެން ހައްޔަރުކޮށް، ނަފްސާނީ ފަރުވާދޭ މަރުކަޒެއްގައި ދުވަސްތަކެއް ހޭދަކޮށްފައެވެ.

ހާދިސާ ހިނގި ވަގުތު ރައީސް ޑޮނަލްޑް ޓްރަމްޕް ވައިޓް ހައުސްގައި ހުންނެވި ނަމަވެސް، ސީކްރެޓް ސާވިސްއިން ބުނީ ރައީސަށް އެއްވެސް ނުރައްކަލެއް ކުރިމަތިނުވާ ކަމަށެވެ. ޓްރަމްޕް ވަނީ ސޯޝަލް މީޑިއާގައި ސީކްރެޓް ސާވިސްގެ އެޖެންޓުން ދެއްކެވި ހުށިޔާރުކަމަށާއި އަވަސް ފިޔަވަޅުތަކަށް ޝުކުރު އަދާކުރައްވާފައެވެ. ޓްރަމްޕް ވިދާޅުވީ ހަމަލާދިން މީހާއަކީ އަނިޔާވެރި ތާރީޚެއް އޮތް އަދި ގައުމުގެ މުހިންމު ބިނާތަކަށް އާދަޔާ ހިލާފު ޝައުގުވެރިކަމެއް ހުރި މީހެއް ކަމަށެވެ.

މި ހާދިސާގައި މަގުމަތިން ދިޔަ އާންމު މީހަކަށްވެސް އަނިޔާވެފައިވާ ކަމަށް ރިޕޯޓްތައް ބުނެއެވެ. ނަމަވެސް އެމީހާގެ ހާލަތާ ބެހޭ އިތުރު ތަފްސީލެއް ސީކްރެޓް ސާވިސްއިން ހާމައެއް ނުކުރެއެވެ. މި ހަމަލާގައި އެއްވެސް އޮފިސަރަކަށް އަނިޔާއެއް ލިބިފައެއް ނުވެއެވެ. ބަޑީގެ އަޑު އިވުމާއެކު ވައިޓް ހައުސްގައި ތިބި ނޫސްވެރިން ވަނީ ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން ބްރީފިން ރޫމަށް ވައްދައި ބަންދުކޮށްފައެވެ.

މި ހާދިސާ ހިނގާފައި މިވަނީ ވައިޓް ހައުސް ކޮރެސްޕޮންޑެންޓްސް ޑިނާގެ ތެރޭގައި ބަޑީގެ ހަމަލާއެއް ދިންތާ އެއް މަސް ދުވަސް ފަހުންނެވެ. ކަމާބެހޭ ފަރާތްތަކުން މިހާރު ދަނީ މި މައްސަލަ އިތުރަށް ތަހުގީގު ކުރަމުންނެވެ. އަދި ތަހުގީގަށްޓަކައި ވައިޓް ހައުސް ވަށައިގެންވާ ބައެއް މަގުތައް ވަނީ ބަންދުކޮށްފައެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *