ބަންގްލަދޭޝްގައި ފާއިތުވި ދިހަވަރަކަށް އަހަރުގެ ތެރޭގައި ފެތުރުނު އެންމެ ނުރައްކާތެރި ހިމަބިހީގެ ރޯގާގައި މިހާތަނަށް 500 އަށްވުރެ ގިނަ ކުދިން މަރުވެއްޖެއެވެ. ސިއްހީ އިދާރާތަކުން ހާމަކޮށްފައިވާ ތަފާސްހިސާބުތަކަށް ބަލާއިރު، މިދިޔަ ހޮނިހިރު ދުވަހު އެކަނިވެސް 13 ކުދިން މަރުވެފައިވާއިރު، މާޗް 15 އިން ފެށިގެން މިހާތަނަށް މަރުވި ކުދިންގެ ޖުމްލަ އަދަދު ވަނީ 512 އަށް އަރާފައެވެ.
ވެރިރަށް ޑާކާގެ ހޮސްޕިޓަލްތައް ބަލިމީހުންނާއިގެން ފުރިފައިވާއިރު، މި ބައްޔަށް ފަރުވާ ދިނުމަށް ޚާއްސަ ވޯޑުތަކެއް ވަނީ ގާއިމުކޮށްފައެވެ. ނަމަވެސް، ބަލި ހާލަތު ބޮޑުވާ ކުދިންނަށް ފަރުވާ ދިނުމަށް ބޭނުންވާ އިންޓެންސިވް ކެއާ (އައިސީޔޫ) އެނދުތައް މަދުވުމުގެ މައްސަލަ ވަނީ ކުރިމަތިވެފައެވެ. މި ބައްޔަކީ ކެއްސުމާއި ކިނބިހި އެޅުމުގެ ތެރެއިން ވަރަށް ހަލުވިކަމާއެކު ފެތުރޭ ވައިރަހެއް ކަމަށްވާއިރު، ބަލި ޖެހުމަށްފަހު ދޭނެ ވަކި ޚާއްސަ ފަރުވާއެއް ނޯވެއެވެ.
ހިމަބިހީގެ ސަބަބުން ނިއުމޯނިއާ އާއި ސިކުނޑި ދުޅަވުން ފަދަ ނުރައްކާތެރި ސިއްހީ މައްސަލަތައް ކުރިމަތިވެއެވެ. ޚާއްސަކޮށް ކާނާގެ މާއްދާތައް މަދު ކުދިންނާއި ވެކްސިން ނުޖަހާ ކުދިންގެ ފުރާނައަށް މި ބަލީގެ ނުރައްކާ ބޮޑެވެ. ޔުނިސެފުން ހާމަކުރި ގޮތުގައި، 2024 ވަނަ އަހަރު ބަންގްލަދޭޝްގައި ހިނގި ސިޔާސީ ހަލަބޮލިކަމުގެ ތެރޭގައި ވެކްސިން ދިނުމުގެ ޕްރޮގްރާމްތަކަށް ބުރޫއެރުމަކީ މިހާ ގިނަ އަދަދެއްގެ ކުދިން ބައްޔަށް ހުށަހެޅިގެންދިޔަ ސަބަބެކެވެ.
ބަލި ކޮންޓްރޯލް ކުރުމަށްޓަކައި ބަންގްލަދޭޝް ސަރުކާރުން މިހާރު ވަނީ 18 މިލިއަން ކުދިންނަށް ވެކްސިން ދިނުމުގެ ބޮޑު ކެމްޕޭނެއް ފަށާފައެވެ. ނަމަވެސް، ސިއްހީ މާހިރުން ވިދާޅުވާ ގޮތުގައި ވެކްސިންގެ ފުރިހަމަ ނަތީޖާ ފެނުމަށް އަދި މަސްތަކެއް ނަގާނެއެވެ. މިހާރު ފެތުރެމުންދާ ރޯގާގައި އެންމެ ގިނައިން ބަލިޖެހެނީ ހަ މަހާއި ފަސް އަހަރާ ދެމެދުގެ ކުދިންނަށެވެ.
ޝަހީދު ސުހްރަވަރުދީ މެޑިކަލް ކޮލެޖްގެ ޑޮކްޓަރު އައިނުލް އިސްލާމް ޚާން ވިދާޅުވި ގޮތުގައި، ހޮސްޕިޓަލަށް ގެންނަ ގިނަ ކުދިން ތިބެނީ ވަރަށް ބޮޑަށް ބަލިވެފައެވެ. ޚާއްސަކޮށް ނޭވާލުމަށް އުނދަގޫވުމާއި، ލޮލާއި ކަރު އަދި ފުއްޕާމޭގެ އިންފެކްޝަންތައް އެ ކުދިންގެ ކިބައިން ފާހަގަކުރެވޭ ކަމަށް އޭނާ ވިދާޅުވިއެވެ.
ޔުނިސެފުން ވަނީ ކުރިއަށް އޮތް ތަނުގައި މިފަދަ ރޯގާތަކުން ރައްކާތެރިވުމަށްޓަކައި ވެކްސިން ޕްރޮގްރާމްތައް ވަރުގަދަކޮށް، ސިއްހީ ނިޒާމަށް ކުރާ ހޭދަ އިތުރުކުރުމަށް ބަންގްލަދޭޝްއަށް ގޮވާލާފައެވެ. ސަރުކާރުން ބުނާ ގޮތުގައި ބައެއް ސަރަހައްދުތަކުގައި މިހާރު ބަލި ފެތުރޭ މިންވަރު ވަނީ ދަށްވާން ފަށާފައެވެ.


