Tuesday, 28 July 2026
"ކޮކްރޯޗް ޖަންތާ ޕާޓީ" ގެ ޕޯސްޓަރެއް އަދި އެ ޕާޓީގެ ފައުންޑަރ -- ފޮޓޯ: އޭބީޕީ

އިންޑިއާގެ ޒުވާނުން ސަރުކާރާ ދެކޮޅު ހަރަކާތުގެ ރަމްޒަކަށް "ކުރަފި" ހަދައިފި

އިންޑިއާގެ ޒުވާނުންގެ މެދުގައި އާންމުކޮށް ނަފުރަތުކުރާ ކުރަތްޕަކީ މިހާރު ސަރުކާރާ ދެކޮޅަށް އަޑުއުފުލުމުގެ ވަރުގަދަ ރަމްޒަކަށް ވެއްޖެއެވެ. ވެރިކަންކުރާ ބީޖޭޕީއަށް މަލާމާތްކޮށް އުފައްދާފައިވާ "ކޮކްރޯޗް ޖަންތާ ޕާޓީ" އިން ވަނީ އެންމެ ހަފުތާއެއްގެ ތެރޭގައި އިންސްޓަގްރާމްގައި 19 މިލިއަނަށްވުރެ ގިނަ ފޮލޯވަރުން ހޯދާފައެވެ. މިއީ އިންޑިއާ ސަރުކާރުގެ ރަސްމީ އެކައުންޓަށްވުރެ ގާތްގަނޑަކަށް ދެގުނަ އިތުރު އަދަދެކެވެ.

މި ހަރަކާތް ފެށިގެން އައީ އިންޑިއާގެ ޗީފް ޖަސްޓިސް ސޫރިޔާ ކާންތު، ވަޒީފާނެތް ޒުވާނުންނަކީ "ކުރަތްޕެއް" ފަދަ ބައެއްގެ ގޮތުގައި ސިފަކުރެއްވި ކަމަށް ބުނެ ކުރިމަތިވި ފާޑުކިއުންތަކާ ގުޅިގެންނެވެ. މޭ މަހުގެ 15 ވަނަ ދުވަހު ބޭއްވި އަޑުއެހުމެއްގައި އޭނާ ވިދާޅުވީ ވަޒީފާއެއް ނުލިބި، އެއްވެސް ދާއިރާއަކުން ޖާގައެއް ނެތް ކުރަފިތަކެއް ފަދަ ޒުވާނުން އެބައުޅޭ ކަމަށެވެ. ފަހުން އޭނާ އެއީ ފޭކް ސެޓްފިކެޓް ބޭނުންކުރާ މީހުންނަށް ނިސްބަތްކުރެއްވި ބަހެއް ކަމަށް ވިދާޅުވި ނަމަވެސް، ޒުވާނުން ވަނީ އެ ބަސް ބަލައިގަނެ އެއީ ފަޚުރެއްގެ ގޮތުގައި ބޭނުންކުރަން ފަށާފައެވެ.

ޒުވާނުންގެ ޝަކުވާތައް އުފުލާ މަންސައެއް

ކޮކްރޯޗް ޖަންތާ ޕާޓީއަކީ ރަސްމީ ސިޔާސީ ޕާޓީއެއް ނޫން ނަމަވެސް، މިއީ ވަޒީފާ ނެތް މައްސަލައާއި، ސިޔާސީ ކޮރަޕްޝަނާ މެދު ޒުވާނުންގެ ހުރި ކަންބޮޑުވުންތައް ފާޅުކުރާ މަންސައެކެވެ. އޭއައި ބޭނުންކޮށްގެން އުފައްދާފައިވާ ކުރަފީގެ ތަސްވީރުތައް މިހާރު އިންޑިއާގެ ސޯޝަލް މީޑިއާގައި ވަނީ ފެތުރިފައެވެ. މި ޕާޓީގެ މެނިފެސްޓޯގައި ބުނެފައިވަނީ މިނިވަން މީޑިއާއަކަށް ޖާގަ ދިނުމަށްޓަކައި، ސަރުކާރާ ގާތް ގުޅުމެއް އޮންނަ މަހުޖަނުންގެ މީޑިއާ ހައުސްތަކުގެ ލައިސަންސް ބާތިލްކުރާނެ ކަމަށެވެ.

މި ހަރަކާތުގެ ބާނީ އަބީޖީތު ދިޕްކޭ ބުނި ގޮތުގައި ޒުވާނުން ތިބީ ވަރަށް ބޮޑަށް މާޔޫސްވެފައެވެ. އަދި ސަރުކާރުން އެމީހުންގެ ކަންބޮޑުވުންތަކަށް އަޅާނުލާ ކަމަށް އޭނާ ތުހުމަތުކުރިއެވެ. މި ހަރަކާތުގެ ބައިވެރިން ވަނީ ކުރަފީގެ ސިފަޖެހޭ ގޮތަށް ހެދުން އަޅައިގެން ނުކުމެ، ދިއްލީގެ ތަޣައްޔަރުވެފައިވާ ޔަމުނާ ކޯރު ސާފުކުރުމުގެ ހަރަކާތްތަކެއްވެސް ހިންގާފައެވެ.

ވަޒީފާ ނެތް މައްސަލައިގެ ސީރިއަސްކަން

މި މަޖާ ހަރަކާތުގެ ފަހަތުގައި އޮތީ އިންޑިއާގެ ހިތްދަތި ހަގީގަތެކެވެ. ދާދިފަހުން ނެރުނު ރިޕޯޓެއް ދައްކާގޮތުން، އުމުރުން 25 އަހަރުން ދަށުގެ ގްރެޖުއޭޓުންގެ 40 އިންސައްތަ މީހުން ތިބީ ވަޒީފާއެއް ނެތިއެވެ. މިއީ ދުނިޔޭގެ އެންމެ އާބާދީ ބޮޑު ޑިމޮކްރަސީގައި ޒުވާނުންނަށް ކުރިމަތިވެފައިވާ އެންމެ ބޮޑު ގޮންޖެހުމެވެ.

މި ހަރަކާތް ހުއްޓުވުމަށް ސަރުކާރުން މަސައްކަތް ކުރަމުންދާ ކަމުގެ ނިޝާންތައް ވަނީ ފެންނަން ފަށާފައެވެ. މިދިޔަ ބުރާސްފަތި ދުވަހު މި ޕާޓީގެ އެކްސް އެކައުންޓް ވަނީ އިންޑިއާގައި ބްލޮކްކޮށްފައެވެ. ނަމަވެސް، މަދު މިނެޓްކޮޅެއްގެ ތެރޭގައި "ކޮކްރޯޗް އިޒް ބެކް" ގެ ނަމުގައި އާ އެކައުންޓެއް ހުޅުވައި، އެމީހުން ހުއްޓުވައި ނުލެވޭނެ ކަމަށް ބުނެ ވަނީ މެސެޖެއް ދީފައެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *