Tuesday, 28 July 2026
ޖެނުއަރީ 2026 - ދެކުނު ކޮރެއާގެ ބަލްކް ކެރިއަރ އެޗްއެމްއެމް ނަމޫ ޗައިނާގެ ގުއާންޑޮންގް ޕްރޮވިންސްގެ ގުއާންޒޫގައި-- ފޮޓޯ: ރޮއިޓާސް

ހޮރްމުޒް ކަނޑުއޮޅިން ދަތުރުކުރި ދެކުނު ކޮރެއާގެ ބޯޓަކަށް ދިން ހަމަލާއާ ގުޅިގެން އީރާނާއެކު ސީރިއަސް މަޝްވަރާތަކެއް ފަށައިފި

ހޮރްމުޒް ކަނޑުއޮޅިން ދަތުރުކުރަމުންދިޔަ ދެކުނު ކޮރެއާގެ އޮޕަރޭޓްކުރާ ބޯޓަކަށް މިދިޔަ މެއި މަހުގެ 4 ވަނަ ދުވަހު ދިން ހަމަލާއާ ގުޅިގެން، އީރާނާއެކު "ގާތް އަދި ސީރިއަސް މަޝްވަރާތަކެއް" ކުރިއަށްދާ ކަމަށް ދެކުނު ކޮރެއާގެ ފޮރިން މިނިސްޓްރީން ބުނެފިއެވެ. މި ހަމަލާ އަމާޒުވެފައިވަނީ ދެކުނު ކޮރެއާގެ އެޗް.އެމް.އެމް ނާމޫ ނަމަކަށް ކިޔާ ބޯޓަކަށެވެ.

ދެކުނު ކޮރެއާގެ ފޮރިން މިނިސްޓްރީގެ ތަރުޖަމާނު ޕާކް އިލް ވިދާޅުވީ، މި ހާދިސާގެ ތަހުގީގު މުޅިން ނިމުމުން އެކަމާ ގުޅިގެން އަޅަންޖެހޭ ފިޔަވަޅުތައް އަޅާނެ ކަމަށެވެ. ޔޮންހަޕް ނިއުސް އެޖެންސީން ރިޕޯޓްކޮށްފައިވާ ގޮތުގައި، ރަސްމީ ތަހުގީގުން މިހާތަނަށް އެނގިފައިވަނީ ނޭނގޭ ދެ އެއްޗެއް ބޯޓުގައި ޖެހި ގޮވުމެއް ގޮވައި، ބޯޓުގައި އަލިފާން ރޯވި ކަމަށެވެ.

މި ހާދިސާ ހިނގި ސަރަހައްދުން ފެނުނު ބައެއް ތަކެތި މިހާރު ދަނީ ތަހުލީލު ކުރަމުންނެވެ. މީގެ ބޭނުމަކީ ބޯޓަށް ހަމަލާދިނުމަށް ބޭނުންކުރި އެއްޗެއް ދެނެގަތުމާއި، މިކަމުގެ ޒިންމާ އުފުލަންޖެހޭ ފަރާތްތައް ހޯދުމެވެ. ޕާކް އިލް ވިދާޅުވީ، އިތުރު ހޯދުންތަކެއް ލިބިއްޖެނަމަ، އީރާނަށް ދޭންޖެހޭ ތަފްސީލުތައް ދިނުމާއެކު، ކުރަންޖެހޭ މުއާމަލާތްތައްކޮށް އެކަށީގެންވާ ފިޔަވަޅުތައް އަޅަމުންދާނެ ކަމަށެވެ.

މި ހަމަލާގައި ބޯޓުގެ ފަޅުވެރިއަކަށް ކުދި އަނިޔާތަކެއް ލިބިފައިވާ ކަމަށް ރިޕޯޓްތައް ބުނެއެވެ. ދެކުނު ކޮރެއާގެ އޮފިޝަލުން މި ހަމަލާގެ ތުހުމަތު އީރާނުގެ މައްޗަށް ކުރި ނަމަވެސް، އީރާނުން ވަނީ މިކަމުގައި އެގައުމުގެ އެއްވެސް ބައިވެރިވުމެއް ނެތް ކަމަށް ބުނެ ތުހުމަތުތައް ދޮގުކޮށްފައެވެ.

ތަރުޖަމާނު އިތުރަށް ފާހަގަކުރެއްވި ގޮތުގައި، ދެކުނު ކޮރެއާގެ އެންމެ ބޮޑު އިސްކަމަކީ އެ ސަރަހައްދުން ދަތުރުކުރާ އެގައުމުގެ އުޅަނދުތަކާއި ފަޅުވެރިންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމެވެ. މި މަގްސަދު ހާސިލުކުރުމަށްޓަކައި އެކި ފެންވަރުގައި ޑިޕްލޮމެޓިކް މަސައްކަތްތައް ކުރަމުންދާ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *