Tuesday, 28 July 2026
ސެން ޑިއޭގޯގެ މިސްކިތެއްގެ ބޭރުގައި ހަމަލާދިނުން-- ފޮޓޯ: ބީބީސީ

ސެން ޑިއޭގޯގެ މިސްކިތެއްގެ ބޭރުގައި ދިން ހަމަލާއެއްގައި ތިން މީހަކު މަރާލައިފި

އެމެރިކާގެ ކެލިފޯނިއާގެ ސެން ޑިއޭގޯގައި ހުންނަ އިސްލާމިކް ސެންޓަރުގެ ބޭރުގައި ދިން ބަޑީގެ ހަމަލާއެއްގައި ތިން ފިރިހެނަކު މަރާލައިފިއެވެ. ފުލުހުން ތުހުމަތުކުރާ ގޮތުގައި މިއީ ނަފުރަތުގެ އަމަލެކެވެ. މި ހަމަލާ ދިނުމަށްފަހު، ހަމަލާދިން ދެ ޒުވާނުން ވަނީ އަމިއްލައަށް މަރުވެފައެވެ.

މި ހާދިސާ ހިނގާފައިވަނީ ހޯމަ ދުވަހުގެ ހެނދުނުގެ ވަގުތެއްގައެވެ. ފުލުހުން ބުނި ގޮތުގައި ހަމަލާދިން ދެ މީހުންނަކީ އުމުރުން 17 އަހަރާއި 18 އަހަރުގެ ދެ ކުދިންނެވެ. މި ދެމީހުން ފެނިފައިވަނީ މިސްކިތާ ކުޑަ ދުރުމިނެއްގައި އޮތް ކާރެއްގެ ތެރޭގައި އަމިއްލައަށް ބަޑިޖަހައި މަރުވެފައި އޮއްވައެވެ.

މަރުވި މީހުންގެ ތެރޭގައި އެ ސެންޓަރުގައި މަސައްކަތްކުރާ ސެކިއުރިޓީ ގާޑަކު ހިމެނެއެވެ. އޭނާއަކީ އަށް ކުދިންގެ ބައްޕައެއް ކަމަށް މައުލޫމާތު ލިބެއެވެ. ސެން ޑިއޭގޯގެ ޕޮލިސް ޗީފް ސްކޮޓް ވޯލް ވިދާޅުވި ގޮތުގައި، މި ސެކިއުރިޓީ ގާޑަކީ މި ހަމަލާ މިއަށްވުރެ ނުރައްކާތެރިވިޔަ ނުދީ ހުއްޓުވުމުގައި ބަތަލެއްގެ ދައުރު އަދާކުރި މީހެކެވެ.

"އޭނާގެ އަމަލުތަކަކީ ހިތްވަރުގަދަ އަމަލުތަކެއް ކަމަށް ބުނުމަކީ އިންސާފުވެރި ގޮތެއް. ޝައްކެއްވެސް ނެތް ގޮތުގައި އޭނާ މިއަދު ގިނަ ބައެއްގެ ފުރާނަ ސަލާމަތްކޮށްދީފި،" ވޯލް ވިދާޅުވިއެވެ.

މި ހަމަލާ ދިނުމުގެ ދެ ގަޑިއިރު ކުރިން، ހަމަލާދިން އެކަކުގެ މަންމަ ވަނީ އޭނާގެ ދަރިފުޅު ބަޑިތަކަކާއި ކާރެއް ހިފައިގެން ގެއިން ނުކުމެގެން ގޮސްފައިވާ ކަމަށް ބުނެ ފުލުހުންނަށް ރިޕޯޓްކޮށްފައެވެ. ފުލުހުންނަށް ފެނުނު ނޯޓެއްގައި ނަފުރަތުގެ ބަސްތައް ހުރި ނަމަވެސް، ވަކި ތަނަކަށް ނުވަތަ މީހަކަށް ހަމަލާދޭނެ ކަމުގެ އިންޒާރެއް އޭގައި ނެތް ކަމަށް ފުލުހުން ބުނެއެވެ.

އިސްލާމިކް ސެންޓަރު އޮފް ސެން ޑިއޭގޯ އަކީ އެ ސަރަހައްދުގައި ހުރި އެންމެ ބޮޑު މިސްކިތެވެ. ތަހުގީގު ކުރާ ފަރާތްތަކުން ބުނާ ގޮތުގައި މި ހަމަލާ ދިން ސަބަބު އަދި މުޅިން ސާފެއް ނުވެއެވެ. ނަމަވެސް މިސްކިތެއް ކައިރީގައި މިކަން ހިނގާފައިވުމާއި، ހަމަލާދިން މީހާ ލިޔެފައިވާ ލިޔުންތަކަށް ބަލާއިރު މިއީ ނަފުރަތުގެ އަމަލެއްގެ ގޮތުގައި ވަނީ ބެލެވިފައެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *