Tuesday, 28 July 2026
ރައީސް ޑޮނަލްޑް ޓްރަމްޕް - ބީބީސީ

"އީރާނަށް ވަގުތު ކުޑަތަންވަނީ"، މަޝްވަރާތައް އަވަސްކުރުމަށް ގޮވާލައި، ޓްރަމްޕްގެ އިންޒާރެއް

ހަނގުރާމަ ހުއްޓާލުމަށް ކުރެވޭ މަޝްވަރާތައް ހުއްޓުމަކަށް އައިސްފައިވާތީ، އީރާނަށް "ވަގުތު ކުޑަތަންވަމުންދާ" ކަމަށް ވިދާޅުވެ އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވަރުގަދަ އިންޒާރެއް ދެއްވައިފިއެވެ. ޓްރަމްޕްގެ ސޯޝަލް މީޑިއާ ޕްލެޓްފޯމް ކަމަށްވާ 'ޓްރުތް ސޯޝަލް' ގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، އީރާނުން އަވަހަށް ފިޔަވަޅުތަކެއް އަޅަންޖެހޭ ކަމަށާއި، އެހެން ނޫންނަމަ އެ ގައުމުން ސަލާމަތްވާނެ އެއްވެސް އެއްޗެއް ނޯންނާނެ ކަމަށެވެ.

މި އިންޒާރު ޓްރަމްޕް ދެއްވާފައިވަނީ އާދީއްތަ ދުވަހު އިސްރާއީލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫއާ ފޯނުން ގުޅުއްވައި މަޝްވަރާ ކުރެއްވުމަށްފަހުގައެވެ. ނަމަވެސް އީރާނުގެ މީޑިއާތަކުން ރިޕޯޓްކުރާ ގޮތުގައި، ހަނގުރާމަ ނިމުމަކަށް ގެނައުމަށް އީރާނުން ހުށަހެޅި ހުށަހެޅުންތަކަށް އެމެރިކާއިން އެދެވޭ ޖަވާބެއް ދީފައެއް ނުވެއެވެ. އަދި ވޮޝިންޓަނުން ދޫނުދޭނަމަ މަޝްވަރާތައް މަރުތަޅަކަށް އެރުމުގެ ފުރުސަތު ބޮޑުކަމަށް އީރާނުގެ މެހެރު ނިއުސް އެޖެންސީން ބުނެފައިވެއެވެ.

އީރާނުން ހުށަހަޅާފައިވާ ޝަރުތުތަކުގެ ތެރޭގައި ހުރިހާ ދިމާއަކުން ހަނގުރާމަ ހުއްޓާލުމާއި، އީރާނުގެ ބަނދަރުތަކަށް އެމެރިކާއިން ކުރިމަތިކޮށްފައިވާ ނޭވަލް ބްލޮކޭޑް ނުވަތަ ކަނޑުގެ މަގުން ބަންދުކޮށްފައި އޮތް އޮތުން ނިމުމަކަށް ގެނައުން ހިމެނެއެވެ. މީގެ އިތުރުން ހަނގުރާމައިގައި ލިބުނު ގެއްލުމުގެ ބަދަލު ހޯދުމަށާއި ހޯރްމޫޒް ކަނޑުއޮޅީގެ މައްޗަށް އީރާނުގެ ފުރިހަމަ ބާރު އޮންނަންޖެހޭނެ ކަމަށްވެސް އެ ގައުމުން ބުނެއެވެ. ނަމަވެސް ޓްރަމްޕް ވަނީ އީރާނުގެ މި ހުށަހެޅުންތަކަކީ ބަލައިގަނެވޭނެ ކަންކަން ނޫން ކަމަށް ވިދާޅުވެފައެވެ.

އެމެރިކާއިން ބަދަލުގައި ހުށަހަޅާފައިވާ ފަސް ޝަރުތުގެ ތެރޭގައި، އީރާނުގެ ނިއުކްލިއާ މަސައްކަތްތައް ހަމައެކަނި އެއް ސައިޓެއްގައި ކުރިއަށް ގެންދިއުމަށާއި، މުއްސަނދިކޮށްފައިވާ ޔުރޭނިއަމްގެ ރިޒާވް އެމެރިކާއާ ހަވާލުކުރުން ހިމެނެއެވެ. ޓްރަމްޕް ވަނީ އީރާނުގެ ނިއުކްލިއާ ޕްރޮގްރާމް 20 އަހަރަށް މެދުކަނޑާލުމަށް އެއްބަސްވާނަމަ އެކަން ގަބޫލުކުރައްވާނެ ކަމުގެ އިޝާރާތެއް ދެއްވާފައެވެ.

މިދިޔަ ފެބްރުއަރީ މަހުގެ 28 ވަނަ ދުވަހު އެމެރިކާ އާއި އިސްރާއީލުން އީރާނަށް ވަރުގަދަ ވައިގެ ހަމަލާތަކެއް ދޭން ފެށުމާ ގުޅިގެން، އީރާނުން ވަނީ ދުނިޔޭގެ ތެލުގެ ވިޔަފާރީގެ 20 އިންސައްތަ ހިއްސާކުރާ ހޯރްމޫޒް ކަނޑުއޮޅި ބަންދުކޮށްފައެވެ. މީގެ ސަބަބުން ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު ވަނީ ވަރަށް ބޮޑަށް އުފުލިފައެވެ. މިހާރު ދެ ގައުމުގެ ދެމެދުގައި ޕާކިސްތާނުން މެދުވެރިއެއްގެ ދައުރު އަދާކުރަމުންދިޔަ ނަމަވެސް، ދެ ފަރާތުގެ ޚިޔާލުތައް އަދިވެސް ހުރީ ވަރަށް ދުރުގައެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *