Tuesday, 28 July 2026
2018 ވަނަ އަހަރު ޑީއާރުސީގައި އެބޯލާ ފެތުރެން ފެށިއިރުގެ ފޮޓޯއެއް -- ފޮޓޯ: އޭޕީ

ކޮންގޯގައި ފެތުރެމުންދާ އެބޯލާ ބަލީގައި މަރުވި މީހުންގެ އަދަދު 80 އަށް އަރައިފި

ޑިމޮކްރެޓިކް ރިޕަބްލިކް އޮފް ދަ ކޮންގޯ (ޑީއާރުސީ) ގައި އަލަށް ފެތުރެން ފެށި އެބޯލާ ބަލީގައި މިހާތަނަށް މަދުވެގެން 80 މީހުން މަރުވެފައިވާ ކަމަށް އެގައުމުގެ ކަމާބެހޭ ފަރާތްތަކުން ހާމަކޮށްފިއެވެ. ސިއްހީ މާހިރުން މިހާރު ދަނީ ބަލި ކޮންޓްރޯލް ކުރުމަށްޓަކައި ސްކްރީން ކުރުމާއި، ބަލިޖެހިފައިވާ މީހުންނާ ބައްދަލުވި މީހުން ދެނެގަތުމުގެ މަސައްކަތް ހަލުވިކަމާއެކު ކުރަމުންނެވެ.

ކޮންގޯގެ އިރުމަތީ ސަރަހައްދުތަކުން މިހާތަނަށް މި ބަލި ޖެހިފައިވާ ކަމަށް ޝައްކުކުރެވޭ 250 އެއްހާ ކޭސް ފެނިފައިވާއިރު، އަވަށްޓެރި ޔުގެންޑާއިން ވެސް އެކަކު މަރުވެފައިވާ ކަމަށް ރިޕޯޓްތައް ބުނެއެވެ. މީގެ ސަބަބުން މި ބަލި އަވަށްޓެރި އެހެން ގައުމުތަކަށް ފެތުރިދާނެ ކަމުގެ ބިރު ވަނީ ބޮޑުވެފައެވެ. މިއީ އެގައުމުގައި އިބޯލާ ފެތުރޭ 17 ވަނަ ފަހަރެވެ.

ކޮންގޯގެ ހެލްތު މިނިސްޓަރު ސެމިއުލް ރޮޖާ ކަމްބާ ހޮނިހިރު ދުވަހު ވިދާޅުވީ، މިފަހަރު ފެތުރެނީ 'ބަންޑިބުގްޔޯ' ސްޓްރެއިން ކަމަށާއި، މިއީ ވެކްސިނެއް ނުވަތަ ވަކި ހާއްސަ ފަރުވާއެއް އޮތް ބާވަތެއް ނޫން ކަމަށެވެ.

"މި ސްޓްރެއިން އަކީ މަރުވާ ރޭޓް ވަރަށް މަތި ބާވަތެއް، ބަލިޖެހޭ މީހުންގެ ތެރެއިން 50 އިންސައްތަ މީހުން މަރުވުމުގެ ފުރުސަތު އޮވޭ،" މިނިސްޓަރު ވިދާޅުވިއެވެ.

މި ބަލި ފުރަތަމަ ފެނިފައިވަނީ އިޓޫރީ ޕްރޮވިންސްގެ ބޫނިއާ ސިޓީންނެވެ. ބަލި ފުރަތަމަ ޖެހުނު ކަމަށް ބެލެވެނީ އޭޕްރިލް 24 ގައި ބަލީގެ އަލާމާތްތަކާއެކު ހޮސްޕިޓަލަށް ދިޔަ ނަރުހަކަށެވެ. މިހާތަނަށް އިޓޫރީގެ ތިން ސަރަހައްދަކުން ބަލި ފެނިފައިވާއިރު، އޭގެ ތެރޭގައި ބޫނިއާ، ރަމްޕާރާ އަދި މޮންގްވާލޫ ހިމެނެއެވެ.

އެފްރިކާ ސެންޓަރސް ފޯ ޑިޒީޒް ކޮންޓްރޯލް އެންޑް ޕްރިވެންޝަން (އެފްރިކާ ސީޑީސީ) އިން ބުނާ ގޮތުގައި، ބަލި ފެނުނު ސަރަހައްދުތަކަކީ މީހުން ގިނަ އަދި އަވަށްޓެރި ގައުމުތަކާ ބޯޑަރު ހިއްސާކުރާ ސަރަހައްދުތަކަކަށް ވުމުން ބަލި ހަލުވިކަމާއެކު ފެތުރުމުގެ ފުރުސަތު ބޮޑެވެ. ޑޮކްޓާސް ވިތައުޓް ބޯޑާސް (އެމްއެސްއެފް) އާއި ރެޑް ކްރޮސް ފަދަ ޖަމިއްޔާތަކުން މިހާރު ދަނީ އެ ސަރަހައްދުގައި އެހީތެރިކަން ފޯރުކޮށްދެމުންނެވެ.

އެބޯލާ ބަލި ފުރަތަމަ ފެނިފައިވަނީ 1976 ވަނަ އަހަރުއެވެ. މި ބަލީގެ ތަފާތު ތިން ވައްތަރެއް އެފްރިކާގައި ފެތުރޭއިރު، މިހާތަނަށް ވެކްސިނެއް އުފެއްދިފައިވަނީ ހަމައެކަނި 'ޒައިރޭ' ސްޓްރެއިން އަށެވެ. ފަރުވާ ނުދެވިއްޖެނަމަ ބަލިޖެހޭ މީހުންގެ 90 އިންސައްތަ މީހުން މަރުވުމުގެ ނުރައްކާ އޮވެއެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *