މި ފޯނު ކޯލުގައި އިސްހާގު ދާރް ވަނީ އީރާނާއި އެމެރިކާއާ ދެމެދު މައްސަލަ ހައްލުކުރުމަށް ޕާކިސްތާނުން ފަހަކަށް އައިސް ކުރަމުންދާ މަސައްކަތްތަކުގެ ތަފްސީލު ވަންގް ޔީއާ ހިއްސާކުރައްވާފައެވެ. އަދި މިކަމުގައި ޗައިނާއިން ދެމުންދާ އެއްބާރުލުމަށް ޝުކުރު އަދާކުރައްވައި، ދެ ގައުމުގެ މެދުގައި އޮންނަ ގުޅުން އިތުރަށް ވަރުގަދަވާނެ ކަމަށް އުއްމީދުކުރައްވާ ކަމަށް ވިދާޅުވިއެވެ.
ޗައިނާގެ އެންމެ އިސް ޑިޕްލޮމެޓް ވަންގް ޔީ ވަނީ، ދެ ގައުމުގެ މެދުގައި ވާހަކަތައް ބޭއްވުމަށް މަގުފަހިކޮށްދީ، ވަގުތީ ގޮތުން ހަމަލާ ބަދަލުކުރުން ހުއްޓާލުމުގެ މުއްދަތު އިތުރުކުރުމަށް ޕާކިސްތާނުން ކުރި މަސައްކަތަށް ތައުރީފު ކުރައްވާފައެވެ. އަދި ސަރަހައްދީ ސުލްހަ ގާއިމުކުރުމުގައި ޕާކިސްތާނުން ސާބިތުކަމާއެކު ދެމިއޮންނާނެ ކަމަށް އުއްމީދުކުރައްވާ ކަމަށް ވެސް ވިދާޅުވިއެވެ.
މީގެ އިތުރުން، ޕާކިސްތާނުން ކުރަމުންދާ މެދުވެރިއެއްގެ މަސައްކަތަށް ޗައިނާއިން އަބަދުވެސް ތާއީދުކުރާނެ ކަމަށާއި، ސަރަހައްދީ ހަމަޖެހުން ގާއިމުކުރުމުގައި ޗައިނާގެ ފަރާތުން ވެސް އެހީތެރިކަން ފޯރުކޮށްދޭނެ ކަމުގެ ޔަގީންކަން ވަންގް ޔީ ވަނީ ދެއްވާފައެވެ.


