Tuesday, 28 July 2026
އަވަހާރަކޮށްލާފައިވާ ހޮންޑިއުރަސްގެ ތިމާވެށި ހިމާޔަތް ކުރުމަށް މަސައްކަތް ކުރި ހުއާން ލޮޕޭޒް -- ފޮޓޯ: އޭއެފްޕީ

ތިމާވެށީގެ ހިމާޔަތުގައި މަސައްކަތްކުރި ލީޑަރެއް އަވަހާރަކޮށްލި މައްސަލާގައި ހޮންޑިއުރަސްގެ ނުފޫޒުގަދަ ސިޔާސީ ބޭފުޅަކު ހައްޔަރުކޮށްފި

ހޮންޑިއުރަސްގެ ތިމާވެށީގެ ހިމާޔަތުގައި މަސައްކަތްކުރި ލީޑަރެއް ކަމަށްވާ ހުއާން ލޮޕޭޒް 2024 ވަނަ އަހަރު އަވަހާރަކޮށްލުމުގެ ފަހަތުގައި އޮތް ކަމަށް ތުހުމަތުކުރެވޭ ނުފޫޒުގަދަ ސިޔާސީ ބޭފުޅަކާއި އިތުރު ދެ މީހަކު އެ ގައުމުގެ ކަމާބެހޭ ފަރާތްތަކުން ހައްޔަރުކޮށްފިއެވެ. މި ހާދިސާއަކީ އެ ގައުމުގެ ސަރުކާރުގެ ކޮރަޕްޝަން ރަމްޒުކޮށްދޭ މުހިންމު މައްސަލައެއްގެ ގޮތުގައި ވަނީ ބެލެވިފައެވެ.

މި މައްސަލާގައި ހައްޔަރުކޮށްފައިވަނީ ޓޮކޯއާ ސިޓީގެ ކުރީގެ މޭޔަރު އަދަން ފޫނޭޒް އެވެ. އޭނާ ހައްޔަރުކޮށްފައިވަނީ އަންގާރަ ދުވަހު އޭނާގެ އަމިއްލަ ގޭގައި ހުއްޓައެވެ. ފޫނޭޒް އަކީ ލޮޕޭޒް އަވަހާރަކޮށްލުމުގެ މާސްޓަރމައިންޑް ކަމަށް ދީނީ އަދި ތިމާވެށީގެ ލީޑަރުން ގިނަ ދުވަސްތަކެއް ވަންދެން ތުހުމަތު ކުރަމުންދިޔަ ފަރާތެކެވެ. ފޫނޭޒްގެ އިތުރުން ވިޔަފާވެރިއެއް ކަމަށްވާ ހެކްޓަރ އެޑުއާޑޯ މެންޑޭޒް އާއި ހުއާން އެންޖެލް ރާމޯސް ގަލެގޯސް ވެސް ވަނީ ހައްޔަރުކޮށްފައެވެ.

އަވަހާރަކޮށްލެވުނު ހުއާން ލޮޕޭޒް އަކީ ކޮރަޕްޝަނާ ދެކޮޅަށް މަސައްކަތްކުރި، އަދި ހޮންޑިއުރަސްގެ ހުޅަނގު އުތުރުގެ ސަރަހައްދެއް ކަމަށްވާ ކޮލޮންގައި ކުރިއަށްދިޔަ ދަގަނޑު އޮކްސައިޑް މައިނިންގ މަޝްރޫއަކާ ދެކޮޅަށް އިސްކޮށް ހަރަކާތްތެރިވި ބޭފުޅެކެވެ. އެ މަޝްރޫއުގެ ސަބަބުން އެ ސަރަހައްދުގެ ޖަންގަލިތަކާއި ސާފު ފެންގަނޑުތަކަށް ނުރައްކާވާނެ ކަމަށް އެކްޓިވިސްޓުން ބުނަމުންދިޔައެވެ. ލޮޕޭޒް އަކީ އޭރުގެ މޭޔަރު ފޫނޭޒް އަށް ވަރަށް ބޮޑަށް ފާޑުކިޔަމުންދިޔަ ބޭފުޅެކެވެ.

ސެޕްޓެމްބަރު 2024 ގައި ކޮރަޕްޝަންގެ މައްސަލައަކާ ގުޅިގެން ފޫނޭޒް އިސްތިއުފާ ދިނުމަށް ލޮޕޭޒް ގޮވާލެއްވިއެވެ. އޭގެ މަދު ދުވަސްކޮޅެއް ފަހުން، މޫނު ނިވާކޮށްގެން ހުރި މީހަކު ވަނީ ލޮޕޭޒްގެ ގަޔަށް ހަތް ފަހަރަށް ބަޑިޖަހައި އަވަހާރަކޮށްލާފައެވެ. މި ހާދިސާއާ ގުޅިގެން ޕޯޕް ފްރާންސިސް އާއި އދ. އަދި އެމެރިކާގެ އޭރުގެ ސަރުކާރުން ވެސް ވަނީ އިންސާފު ގާއިމުކުރުމަށް ގޮވާލާފައެވެ.

ޕަބްލިކް ޕްރޮސެކިއުޓަރ އޮފީހުގެ ތަރުޖަމާނު ޔޫރީ މޯރާ ވިދާޅުވި ގޮތުގައި، ހައްޔަރުކުރެވުނު ތިން މީހުންނަކީ ލޮޕޭޒް މަރާލުމުގެ އަޑީގައި ތިބި މީހުން ކަމަށް ބެލެވެއެވެ. މި މައްސަލައިގެ ޝަރީއަތް އަންނަ އަހަރުގެ ޖޫން މަހު ފެށުމަށް ވަނީ ތާވަލުކުރެވިފައެވެ. ގްލޯބަލް ވިޓްނަސް ޖަމިއްޔާގެ ރިޕޯޓްތަކުން ދައްކާ ގޮތުގައި ހޮންޑިއުރަސް އަކީ ތިމާވެށީގެ ހިމާޔަތުގައި މަސައްކަތްކުރާ މީހުންނަށް ދުނިޔޭގައި އޮތް އެންމެ ނުރައްކާތެރި އެއް ގައުމެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *