ޣައްޒާގައި ފިނިމޫސުމުގެ ހާލަތު ގޯސްވުމުގެ ސަބަބުން ފަލަސްތީނުގެ 17 މީހުން މަރުވެ، އިންސާނީ އެހީތެރިކަން ފޯރުކޮށްދިނުމަށް އިސްރާއީލަށް ގޮވާލާ ގޮވާލުންތަށް އިތުރުވެއްޖެއެވެ. އެންމެ ފަހުން މަރުވެފައިވަނީ ސަޢީދު އަސަޢީދު ޢަބްދީން ނަމަކަށް ކިޔާ އެއް މަހުގެ ތުއްތު ކުއްޖެކެވެ. މި ކުއްޖާ މަރުވީ ހައިޕޯތަރމިއާ (ހަށިގަނޑުގެ ހޫނުމިން ނުރައްކާތެރި މިންވަރަކަށް ދަށްވުންު) ގެ ސަބަބުންނެވެ.
ޢަބްދީން އަކީ މިދިޔަ ހަފްތާގައި ފެށުނު "ސްޓޯމް ބައިރަން" ގެ ސަބަބުން ފިނިމިން ދަށްވެގެން މަރުވި ހަތަރު ކުދިންގެ ތެރެއިން އެކެކެވެ. މި ތޫފާނުގެ ސަބަބުން އެ ސަރަހައްދަށް ބޯކޮށް ވާރޭވެހި، ފެންބޮޑުވުމާއި ގެއްލުންތައް ވަނީ ކުރިމަތިވެފައެވެ.
އަލް ޝިފާ މެޑިކަލް ކޮމްޕްލެކްސްގެ ޑިރެކްޓަރު މުހައްމަދު އަބޫ ސަލްމިޔާ ހާމަކޮށްފައިވަނީ އިސްރާއިލްގެ ބާރުދަށުގައި އޮތް ސަރަހައްދުގައި ޢައްޒާގެ ރައްޔިތުން އުޅެމުންދަނީ އެއްވެސް އެހީއެއް ނުލިބި ދަތި ހާލަތްތަކެއް ތަހައްމަލު ކުރަމުންދާ ހާލުގައެވެ. އިސްރާއީލުން މިހާރު ހިނގަމުންދާ ބޮމުގެ ހަމަލާތަކާއި، ފިނިހޫނުމިނަށް އަންނަ ބަަދަލުތަކާއި ފެތުރެމުންދާ ބަލިތަކުގެ ސަބަބުން ފަލަސްތީނުގެ ކުދިންނަށް ދިމާވެފައިވާ ނުރައްކަލުގެ ބޮޑުކަން ހާމަވެފައިވެއެވެ.
ސަލްމިޔާ ވިދާޅުވީ، މުހިންމު ބޭސްތަކުގެ ތެރެއިން ދެބައިކުޅަ އެއްބައި ބޭސް ނުލިބޭ ކަމަށެވެ.
އެހީގެ ބްލޮކޭޑްގެ ސަބަބުން ޣައްޒާގެ ރައްޔިތުންގެ މެދު ބަލި ފެތުރުމުގެ ނުރައްކާ ދެގުނައަށް އިތުރުވެ، ޙާއްސަކޮށް މިހާރު އެހިސާބުގެ ތިމާވެށީގެ ހާލަތާއި އެހީގެ ބްލޮކޭޑްގެ ސަބަބުން ޣައްޒާގެ ރައްޔިތުން ހާލަތު ގޯސްވެގެންދާ ދަނޑިވަޅެއްކަމަށް އޭނާ ވިދާޅުވިއެވެ.
އެ ސަރަހައްދުގައި ދިރިއުޅޭ މީހުންގެ ސިއްޙަތަށް ބޮޑު ނުރައްކަލެއް ކުރިމަތިވެ ގޯސްވަމުންދާ ކަން ފާހަގަކޮށް ޣައްޒާގެ ސިޓީ މުނިސިޕަލްޓީން ވެސް "އެލާރޓު އެލާމް ބެލް" ޖަހައިފައިވެއެވެ.
ދެ އަހަރަށްވުރެ ގިނަ ދުވަސް ވަންދެން އިޒްރޭލުން ވަނީ ޣައްޒާއަށް މުދާ ފޯރުކޮށްދިނުން ހަނިކޮށްފައެވެ. ގައުމުތަކުން ފޮނުވާ ތަކެތިން އެހީ ގޮތުގައި ވަންނަނީ ވަރަށް މަދު މިންވަރެއްގެ ސާމާނެވެ. އެއީ ވެސް ބޮޑެތި ސިޔާސީ މަސައްކަތްތަކަށް ފަހުގައެވެ.
އިޒްރޭލުން ވަނީ ޣައްޒާގެ ގިނަ އަސާސީ ޚިދުމަތްތަކުގެ އޮނިގަނޑުތަކަށާއި އިމާރާތްތަކަށް ތަކުރާރުކޮށް ހަމަލާދީފައެވެ. އެގޮތުން 80 އިންސައްތައަށްވުރެ ގިނަ އިމާރާތްތައް ވަނީ ހަލާކުވެފައެވެ. މިކަމުގެ ސަބަބުން ދެ މިލިއަނަށްވުރެ ގިނަ މީހުންގެ އާބާދީއަށް ސާފު ފެނާއި، ކާނާއާއި، ހިޔާވަހިކަމާއި، ސިއްޙީ ޚިދުމަތާއި، ހެދުމާއި، ތެޔޮ ފަދަ މުހިންމު ތަކެތި ލިބުމުގެ މަގު ވަނީ ބަންދުވެފައެވެ.
ޔުނައިޓެޑް ނޭޝަންސްގެ އިސް އެޖެންސީތަކާއި 200 އަށްވުރެ ގިނަ އެންޖީއޯތަކުން ބުދަ ދުވަހު ނެރުނު ބަޔާނެއްގައި ވަނީ އިޒްރޭލަށް މަޖުބޫރުކޮށް އެހީގެ ބްލޮކޭޑް އުވާލުމުގެ ގޮތުން ބައިނަލްއަޤްވާމީ މުޖުތަމަޢުން އަވަސް އަދި ވަރުގަދަ ފިޔަވަޅުތައް އެޅުމަށް ވަނީ ގޮވާލާފައެވެ.


