Monday, 26 October 2026

ނުކުޅެދޭ ކުދިންނަށް ހޯމް ސްކޫލިން ފޯރުކޮށްދޭން ބިލެއް ހުށަހަޅައިފި

ނުކުޅެދުންތެރިކަން ހުންނަ ކަމަށްޓަކައި ސްކޫލަށް ނުދެވޭ ކުދިންނާއި ގޭގައި ތިބެގެން އުނގެނުމުގެ ފުރުސަތު ނުވަތަ ހޯމް ސްކޫލިންގ ފޯރުކޮށްދިނުމުގައި އުނދަގޫތައް ކުރިމަތިވާ ކުދިންގެ ތައުލީމީ ކަންކަމަށް ލުއިތަކެއް ހޯދައިދިނުމަށް ތައުލީމުގެ ގާނޫނަށް އިސްލާހު ހުށަހަޅައިފިއެވެ.

ސަރުކާރުގެ ފަރާތުން މި އިސްލާހު ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުއްވީ ވެރިކަން ކުރާ ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ) އަށް ނިސްބަތްވެވަޑައިގަންނަވާ ހުރާ ދާއިރާގެ މެންބަރު ޑރ. އަނާރާ ނައީމެވެ. މި އިސްލާހުގެ މައިގަނޑު އަމާޒަކީ ނުކުޅެދުންތެރިކަމުގެ ސަބަބުން ސްކޫލަށް ނުދެވޭ އަދި ހޯމް ސްކޫލިންގ ކުރިއަށް ނުގެންދެވޭ ކުދިންނަށް މަޖުބޫރު ތައުލީމު ފޯރުކޮށްދިނުމުގައި އަމަލުކުރާނެ އުސޫލުތައް ސާފުކޮށް ބަޔާންކުރުމެވެ.

ގާނޫނުގައި މިހާރު އޮންނަ ގޮތުން އުމުރުން 4 އަހަރާއި 16 އަހަރާ ދެމެދުގެ ކުދިންނަށް ތައުލީމު ފޯރުކޮށްދިނުމަކީ މަޖުބޫރު ކަމެކެވެ. އަދި ޕްރީސްކޫލުން މަތީ ސާނަވީއާ ހަމައަށް ތައުލީމު ލިބޭކަން ކަށަވަރުކުރުމުގެ މަސްއޫލިއްޔަތު އޮންނަނީ ބެލެނިވެރިންނަށެވެ. ނަމަވެސް، ޑރ. އަނާރާ ހުށަހެޅުއްވި އިސްލާހުގައި ވަނީ، ބޮޑެތި ނުކުޅެދުންތެރިކަން ހުންނަ ކުދިން ސްކޫލަށް ނުދެވޭ ކުދިންނަށް ހޯމް ސްކޫލިން އަދި ހޯމް ސްކޫލިންގ ނުދެވޭ ހާލަތްތަކުގައި، އާންމު ކުދިންނެކޭ އެއްގޮތަށް މަޖުބޫރު ތައުލީމުގެ އުސޫލުތައް އެ ކުދިންގެ މައްޗަށް ނުހިނގާނެ ގޮތް ހެދުމަށެވެ. މީގެ އިތުރުން، އެފަދަ ކުދިންގެ ހާލަތާއި ގާބިލުކަމަށް ރިއާޔަތްކޮށް ތައުލީމު ފޯރުކޮށްދިނުމަށް ބެލެނިވެރިން މަސައްކަތްކުރަން ޖެހޭނެ ކަމަށް ބަޔާންކޮށްފައިވެއެވެ.

އަދި ނުކުޅެދުންތެރިކަމުގެ ސަބަބުން ސްކޫލަށް ހާޒިރުވުމުން އިސްތިސްނާވާނެ ސާފު މިންގަނޑުތަކެއް ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައި ހިމެނުމަށް ވެސް ވަނީ ހުށަހަޅާފައެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *