އިޒްރޭލްގެ ފުލުހުން އިރުޝަރޫސަލަމްގައި ހުންނަ، ފަލަސްތީނުގެ ރެފިއުޖީންނަށް އެހީތެރިކަން ފޯރުކޮށްދޭ އ.ދ.ގެ އެޖެންސީ (އުންރުވާ) ގެ އިމާރާތަށް ވަދެ، އ.ދ.ގެ ދިދަ ބާލައި، އެތަނުގައި އިޒްރޭލްގެ ދިދަ ނަގާފައިވާ ކަމަށް އެ އެޖެންސީގެ އިސްވެރިޔާ ފިލިޕް ލަޒަރީނީ އެކްސްގައި ލިޔުއްވައިފިއެވެ.
ލަޒަރީނީ ވިދާޅުވީ އިޒްރޭލްގެ ފުލުހުން، ޔެރުސަލަމްގެ މުނިސިޕަލް އޮފިޝަލުންނާއެކު، ޔޫއެންއާރުޑަބްލިޔުއޭގެ އިމާރާތަށް ބާރުގެ ބޭނުންކޮށްގެން ވަދެފައިވާ ކަމަށާއި، އެމީހުން ޓްރަކްތަކާއި ފޯކްލިފްޓްތައް ވެސް ގެނެސްފައިވާ ކަމަށެވެ. އަދި ހުރިހާ މުއާސަލާތީ ވަސީލަތްތައް ކަނޑާލައި، ފަރުނީޗަރު، އައިޓީ ސާމާނު އަދި އެހެނިހެން މުދާތައް ހިފަހައްޓާފައިވާ ކަމަށް އޭނާ އިތުރަށް ވިދާޅުވިއެވެ.
އިޒްރޭލްގެ ފުލުހުންނާއި ހަވާލާދީ ސީއެންއެން އިން ބުނީ މި އޮޕަރޭޝަނަކީ ދަރަނި ނެގުމުގެ އިޖުރާއަތެއްގެ ތެރެއިން ޖެރުސަލަމް މުނިސިޕަލިޓީން ހިންގި ކަމެއް ކަމަށާއި، މުނިސިޕަލިޓީގެ މުވައްޒަފުންނަށް ސަލާމަތީ ރައްކާތެރިކަން ފޯރުކޮށްދިނުމަށް ފުލުހުން އެތަނުގައި ތިބި ކަމަށެވެ. ޖެރުސަލަމް މުނިސިޕަލިޓީގެ ތަރުޖަމާނަކާއި ހަވާލާދީ ސީއެންއެން އިން ވަނީ މިއީ ޕްރޮޕަޓީ ޓެކްސް ނުދައްކާ އަދި ތަކުރާރުކޮށް ދޭ ހަނދާންކޮށްދިނުންތަކަށް އިޖާބަ ނުދޭ ފަރާތްތަކާ ދެކޮޅަށް ހިންގާ އާދައިގެ އިޖުރާއަތެއް ކަމަށެވެ. މިކަން ކުރިއަށް ގެންދިޔައީ ގިނަ ދުވަހު ނުދައްކާ ހުރި 11 މިލިއަން ޝެކެލް (3.4 މިލިއަން ޑޮލަރު) ގެ ޕްރޮޕަޓީ ޓެކްސް ދަރަންޏަކާ ގުޅިގެން ދިން ތަކުރާރު އިންޒާރުތަކާއި، ކުރިން އަޅާފައިވާ ފިޔަވަޅުތަކަށް ފަހުގައެވެ.
ނަމަވެސް، އ.ދ.ގެ ސެކްރެޓަރީ ޖެނެރަލްގެ ތަރުޖަމާނު ސްޓެފާން ޑުޖަރިކް، ހޯމަ ދުވަހު ނޫސްވެރިންނާ ބައްދަލުކުރައްވާ ވާހަކަ ދައްކަވަމުން، ޓެކްސް ނުދައްކާ ކަމަށް ބުނާ ބުނުމަށް ރައްދު ދެއްވިއެވެ. އޭނާ ވިދާޅުވީ އ.ދ. އާއި މެންބަރު ގައުމުތަކާ ދެމެދު އޮންނަ ގުޅުމުގެ އާންމު މުއާހަދާތަކުގެ ދަށުން މިކަން ބެލެވޭނެ ގޮތެއް ނެތް ކަމަށެވެ. އ.ދ.ގެ ސެކްރެޓަރީ ޖެނެރަލް އެންޓޯނިއޯ ގުޓަރޭސް، އިޒްރޭލްގެ ފަރާތުން އިޒުނަ ނެތި ވަނުން ކުށްވެރި ކުރައްވައި ބަޔާނެއް ނެރުއްވިއެވެ. ގުޓަރޭސް ވިދާޅުވީ މި އިމާރާތަކީ އ.ދ.ގެ އިމާރާތެއްގެ ގޮތުގައި ދެމިއޮތް ތަނެއް ކަމަށާއި، އެތަނަށް އެއްވެސް ބާވަތެއްގެ އިތުރު ނުފޫޒެއް ނުފޯރުވޭނެ ކަމަށެވެ. އޭނާ ވަނީ އ.ދ.ގެ ޗާޓަރާއި ބައިނަލްއަޤްވާމީ ގާނޫނުތަކުގެ ދަށުން އިޒްރޭލްގެ ވާޖިބުތަކަށް އަލިއަޅުވާލައްވާފައެވެ.
އިޒްރޭލްއަށް އާއި އުންރުވާއާ މެދު ގިނަ ދުވަސްތަކެއް ވަންދެން މައްސަލަޖެހިފައި އޮތެވެ. އެގޮތުން އެ އެޖެންސީން ހަމާސްއަށް އެހީތެރިވާ ކަމަށް ތުހުމަތުކޮށް، އެ އެޖެންސީ މުޅިން އުވާލުމަށް އިޒްރޭލުން ގޮވާލާފައިވާއިރު، އެ އެޖެންސީން ވަނީ މި ތުހުމަތުތައް ތަކުރާރުކޮށް ދޮގުކޮށްފައެވެ.


