Tuesday, 28 July 2026

އިޒްރޭލުން ޣައްޒާއަށް ހަމަލާދީ 20 މީހުން ޝަހީދުކޮށްލައިފި

އިޒްރޭލުން ޣައްޒާއަށް ދިން ޙަމަލާތަކެއްގައި މަދުވެގެން 20 މީހުން ޝަހީދުކޮށްލައިފިއެވެ. މި ހަމަލާތައް ދީފައިވަނީ އެމެރިކާ މެދުވެރިވެގެން ޤާއިމުކުރި ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމާ ހަމާސްއިން ޚިލާފުވެ، ހައްޔަރުކޮށްފައިވާ މީހެއްގެ ހަށިގަނޑު ހޯދިކަމަށް ދައްކުވައި ޑްރާމާއެއް ކުޅުނު ކަމަށް އިޒްރޭލުން ތުހުމަތުކުރުމަށް ފަހުގައެވެ. މަރުވި މީހުންގެ ތެރޭގައި ކުޑަކުދިން ވެސް ހިމެނެއެވެ.

އިޒްރޭލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫގެ އޮފީހުން ނެރުނު ކުރު ބަޔާނެއްގައި ބުނެފައިވަނީ، ޣައްޒާގެ ސަރަހައްދަށް "ބާރުގަދަ ހަމަލާތަކެއް" ދިނުމަށް އޭނާ ސިފައިންނަށް އަންގާފައިވާ ކަމަށެވެ. އެމެރިކާގެ އޮފިޝަލަކާއި ހަވާލާދީ ސީއެންއެންއިން ވަނީ ޣައްޒާއަށް ހަމަލާދޭން ނިންމި ނިންމުން އެމެރިކާއަށް އަންގާފައިވާ ކަމަށް ރިޕޯޓްކޮށްފައެވެ.

އިޒްރޭލުގެ އަސްކަރީ އޮފިޝަލަކު ވިދާޅުވީ، ހަމާސްއިން ހަމަލާދީފައިވަނީ އިޒްރޭލުގެ ބާރުގެ ދަށުގައިވާ ޣައްޒާގެ ބައެއް، އެހެން ބައިތަކާ ވަކިކުރާ ރީނދޫ ރޮނގުގ އިރުމަތީގައި ހަރަކާތްތެރިވި އިޒްރޭލުގެ ސިފައިންނަށް ކަމަށެވެ. އެ އޮފިޝަލް ވިދާޅުވީ، ޣައްޒާގެ ދެކުނުގައިވާ ރަފަޙް ސަރަޙައްދުގައި ތިބި ސިފައިންނަށް އާރްޕީޖީ އާއި ސްނައިޕަރުންގެ ހަމަލާތައް އަމާޒުވި ކަމަށެވެ.

ނަމަވެސް ހަމާސްއިން ވަނީ އިޒްރޭލުން ދިން މި ހަމަލާ ކުށްވެރިކޮށް، އެއީ ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމާ ޚިލާފުވުން ކަމަށް ބުނެފައެވެ. އަދި އައިޑީއެފް ސިފައިންނަށް ހަމަލާދިން ކަމަށް ދޮގުކޮށް، ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމަށް ތަބާވާނެ ކަމަށް ހަމާސްއިން އަލުން ބުނެފައިވެއެވެ. ޣައްޒާގެ ހޮސްޕިޓަލްތަކުން ބުނާ ގޮތުގައި، މި ހަމަލާތަކުގައި ޣައްޒާގެ އެކި ސަރަހައްދުތަކުން މަދުވެގެން 20 މީހުން މަރުވެފައިވެއެވެ. ޣައްޒާ ސިވިލް ޑިފެންސްއިން ބުނި ގޮތުގައި، މަރުވި މީހުންގެ ތެރޭގައި ޣައްޒާ ސިޓީގެ އަލް-ސަބްރާ އަވަށުން ތިން އަންހެނުންނާއި ފިރިހެނަކު ހިމެނޭއިރު، ދެކުނު ޣައްޒާގެ ޚާން ޔޫނިސްއިން ދެ ކުދިންނާއި އަންހެނަކު ހިމެނޭ ގޮތަށް މަދުވެގެން ފަސް މީހުން ހިމެނެއެވެ.

 

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *