Tuesday, 28 July 2026

ފަލަސްތީނުގެ ނޫސްވެރިޔާ ސާލެހް އަލްޖަފަރާވީ ޝަހީދުކޮށްލައިފި

އިސްރާއީލާއި ހަމާސްއާ ދެމެދު ހަނގުރާމަ ހުއްޓާލުމަށް އެއްބަސްވުމަކަށް އައިތާ ދުވަސްކޮޅެއްގެ ތެރޭގައި، ޣައްޒާ ސިޓީގައި ހިނގި ގޮވުމެއް ކަވަރު ކުރަމުން ދަނިކޮށް ފަލަސްތީނުގެ ނޫސްވެރިޔެއް ކަމަށްވާ ސާލެހް އަލްޖަފަރާވީ (28 އަހަރު) ޝަހީދުކޮށްލައިފިއެވެ.

އަލްޖަޒީރާ އިން ރިޕޯޓްކޮށްފައިވާ ގޮތުގައި ސަބްރާ ސަރަހައްދުގައި ހިނގި ގޮވުން ކަވަރުކުރަމުން ދަނިކޮށް ހަތިޔާރު އެޅި ބަޔަކު ވަނީ އޭނާއަށް ވަޒަން ޖަހާ ޝަހީދުކޮށްލާފައެވެ. އަލްޖަފަރާވީ އަކީ ހަނގުރާމައިގެ ވީޑިއޯތައް ކަވަރުކުރުމުގައި ފާހަގަކޮށްލެވޭ ނޫސްވެރިއެކެވެ.

ރޭ އިރާކޮޅު ގެއްލިފައިވާ އަލްޖަފަރާވީގެ ހަށިގަނޑު ޕިކަޕެއްގެ މަތީގައި އޮއްވާ ނެގިފައިވާ ފޮޓޯތަކެއް ފަހުން ވަނީ މީސް މީޑިޔާގައި ދައުރުވެފައެވެ. އޭނާގެ ހަށިގަނޑު ފެނުނުއިރު "ޕްރެސް" ޖެކެޓް ލައިގެން ހުރިކަން ފާހަގަކުރެވެއެވެ.

"ހަނގުރާމައިގެ 467 ދުވަހުގެ ތެރޭގައި އަހަރެން ކުރިމަތިލާންޖެހުނު އެއްވެސް މަންޒަރެއް އަހަރެންގެ ހަނދާނަކުން ފުހެވިގެނެއް ނުދާނެ. އަހަރެމެން ކުރިމަތިލާންޖެހުނު އެއްވެސް ހާލަތެއް އަހަރެމެންނަކަށް ހަނދާން ނައްތައެއް ނުލެވޭނެ،" ޖެނުއަރީމަހު އަލްޖަޒީރާއަށް ދިން އިންޓަވިއުއެއްގައި އަލްޖަފަރާވީ ބުނެފައިވެއެވެ.

އޮކްޓޯބަރު 2023 ގައި އިސްރާއީލުގެ ހަނގުރާމަ ފެށުނީއްސުރެ މިހާތަނަށް 270 އަށްވުރެ ގިނަ މީޑިއާ މަސައްކަތްތެރިން ވަނީ މަރުވެފައެވެ. މިއީ ނޫސްވެރިންނަށް އެންމެ ނުރައްކާތެރި ހަނގުރާމައިގެ ގޮތުގައި ވަނީ ރެކޯޑު ކުރެވިފައެވެ.

އަލްޖަފަރާވީ ޝަހީދުވެފައިވަނީ މިހާރު ހިނގަމުންދާ ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމުގެ ތިންވަނަ ދުވަހުގައެވެ. މިސުރުގެ ޝަރަމް އެލް ޝެއިޚްގައި ބޭއްވުމަށް ހަމަޖެހިފައިވާ ޣައްޒާ ސަމިޓަށް ދުނިޔޭގެ ލީޑަރުން އެއްވަމުންދާއިރު، މި ހިތާމަވެރި ހާދިސާ ވަނީ ހިނގާފައެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *