ޣައްޒާގެ ސިވިލް ޑިފެންސް އޭޖެންސީން ބުނެފައިވާ ގޮތުގައި ހަނގުރާމަ ހުއްޓުމަކަށް އައުމާއެކު 500،000 އަށްވުރެ ގިނަ މީހުން ވަނީ ޣައްޒާ ސިޓީއަށް އެނބުރި ދަތުރު ފަށާފައެވެ.
ސިވިލް ޑިފެންސްގެ ތަރުޖަމާނު މަހުމޫދު ބައްސާލް ވިދާޅުވި ގޮތުގައި، ހުކުރު ދުވަހު އިސްރާއީލުގެ ހަމަލާތައް ނިމުމަކަށް އައުމާއެކު ގިނަ އަދަދެއްގެ މީހުން ޣައްޒާއަށް އެނބުރި ދަތުރުކޮށްފައިވެއެވެ. "އިއްޔެއިން ފެށިގެން 500،000 އަށްވުރެ ގިނަ މީހުން ޣައްޒާއަށް އެނބުރި އައިސްފައިވޭ،" އޭނާ އޭއެފްޕީއަށް ވިދާޅުވިއެވެ.
ދެ އަހަރުގެ ހަނގުރާމައިގެ ސަބަބުން 67،000 އަށްވުރެ ގިނަ މީހުން މަރުވެފައިވާއިރު، ޣައްޒާގެ ގިނަ ސަރަހައްދުތައް ވަނީ ވީރާނާވެފައެވެ. ސިވިލް ޑިފެންސްއިން ބުނާ ގޮތުގައި މިވަގުތު 9،500 މީހުން ވަނީ ސަލާމަތްނުކުރެވި ތަޅާލެވިފައިވާ އިމާރާތްތަކުގެ ދަށުގައެވެ. މިހާތަނަށް 155 މީހުންގެ ހަށިގަނޑު ވަނީ ނަގާފައެވެ.
ޣައްޒާ ސިޓީއަށް އެނބުރި އަންނަ މީހުން ވީރާނާވެފައިވާ ސަރަހައްދުތަކުގައި ވަގުތީ ޓެންޓުތައް ޖަހަމުންދާއިރު، މީގެކުރިންވެސް އެކަށީގެންވާ ހިޔާވަހިކަން ނުލިބި ގިނަ ބަޔަކު ދަތިހާލުގައި އުޅެމުންދެއެވެ. މި އެހީ ފޯރުކޮށްދޭން ފެށުމަށް ހަމަޖެހިފައިވަނީ މިއަދުން ފެށިގެންނެވެ.


