ޣައްޒާއަށް އެހީ ފޯރުކޮށްދިނުމަށް ކުރިއަށްގެންދިޔަ "ގްލޯބަލް ސުމޫދު ފްލޮޓިލާ" އިން މިހާތަނަށް 15 އުޅަނދު އިސްރާލުގެ ސިފައިން ހުއްޓުވައިފިއެވެ. ރޭ ދަންވަރު 3:48 ހިސާބުގައި އެ ފްލޮޓިލާގެ ޓްރެކަރުން ދައްކާ ގޮތުގައި މިހާތަނަށް 15 އުޅަނދު ވަނީ އިސްރާއީލީ ސިފައިންގެ ބެލުމުގެ ދަށަށް ގެންގޮސްފައެވެ.
ފްލޮޓިލާއިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، ކަށަވަރުކުރެވިފައިވާ އުޅަނދުތަކުގެ އިތުރުން އެހެން އުޅަނދުތަކާއެކު ކުރެވެމުންދިޔަ މުވާސަލާތުތައްވެސް ވަނީ ކެނޑިފައި ކަމަށެވެ. އިސްރާއިލުގެ ސިފައިން މި ފްލޮޓިލާ ހުއްޓުވާލީ ބުދަ ދުވަހު، ޣައްޒާއިން 70 ނޯޓިކަލް މޭލު ދުރުގައި ދަތުރުކުރަމުންދަނިކޮށެވެ. މީގެ ތެރޭގައި މޫސުމަށް އަންނަ ބަދަލުތަކާ ގުޅޭ އެކްޓިވިސްޓް ގްރެޓާ ތުންބަރގް ދަތުރުކުރި އުޅަނދުވެސް ހިމެނެއެވެ.
މި ފްލޮޓިލާގައި 500 އަށްވުރެ ގިނަ މީހުން ބައިވެރިވެފައިވާއިރު، އޭގެ ތެރޭގައި ޕާލަމެންޓް މެންބަރުންނާއި، ޤާނޫނީ ވަކީލުންނާއި އެކްޓިވިސްޓުން ހިމެނެއެވެ. އަދި މި އުޅަނދުތަކުގައި ކާބޯތަކެއްޗާއި ބޭސްފަރުވާއަށް ބޭނުންވާ ތަކެތި އުފުލާފައިވެއެވެ. ފްލޮޓިލާގެ ފަޅުވެރިން ޓެލެގްރާމްގައި ޙިއްސާކުރި ވީޑިއޯތަކުގައި ދައްކާގޮތުން، އެމީހުންގެ ޕާސްޕޯޓުތައް ހިފައިގެން ތިބެ، އިސްރާއީލަށް ގަދަކަމުން ގެންދާނެކަމަށް ބުނެފައިވެއެވެ.
އިސްރާއީލުގެ ފޮރިން މިނިސްޓްރީން ބުނެފައިވަނީ "ހަމާސް-ސުމޫދު ފްލޮޓިލާ"ގެ އެތައް އުޅަނދެއް ރައްކާތެރިކަމާއެކު ހުއްޓުވާ، ފަޅުވެރިން އިސްރާލުގެ ބަނދަރަކަށް ގެންދެވިފައިވާ ކަމަށެވެ. އަދި ގްރެޓާ އާއި އޭނާގެ އެކުވެރިން ރައްކާތެރިކަމާއެކު ތިބިކަމަށް އެ މިނިސްޓްރީން ބުނެފައިވެއެވެ.
މި ހާދިސާއާ ގުޅިގެން ތުރުކީގެ ފޮރިން މިނިސްޓްރީން އިސްރާއީލުގެ މި ޢަމަލު ވަނީ "ޓެރަރިސްޓް ޢަމަލެއް" ގެ ގޮތުގައި ސިފަކޮށްފައެވެ. އަދި އިޓަލީގެ އެކި ސަރަޙައްދުތަކުގައި މިކަމާ ގުޅިގެން މުޒާހަރާތައް ފެށިގެން ގޮސްފައިވެއެވެ. ތުރުކީން ވަނީ އެ ޤައުމުގެ ރައްޔިތުންނާއި އެހެން ފަރާތްތައް ދޫކޮށްލުމަށް މަސައްކަތް ފަށާފައެވެ.


