އިންޑިއާ އާއި ޔޫރަޕިއަން ފްރީ ޓްރޭޑް އެސޯސިއޭޝަން (އީއެފްޓީއޭ) އާ ދެމެދު ވެފައިވާ ވިޔަފާރި އެއްބަސްވުން މިއަދުން ފެށިގެން ތަންފީޒު ކުރަން ފަށާނެއެވެ. މި ވިޔަފާރި އެއްބަސްވުމުގެ ދަށުން އަންނަ 15 އަހަރުގެ ތެރޭގައި 100 ބިލިއަން ޑޮލަރުގެ އިންވެސްޓްމަންޓް އިންޑިއާއަށް ލިބިގެންދާނެއެވެ.
މި އެއްބަސްވުމުގެ ދަށުން އިންޑިއާއަށް ސުވިސް ގަޑި، ޗޮކްލެޓް އަދި ޑައިމަންޑް ފަދަ ތަކެތި ކުޑަ ޑިއުޓީއެއްގައި ނުވަތަ ޑިއުޓީ ނުނަގައި އިމްޕޯޓް ކުރެވޭނެއެވެ. އީއެފްޓީއޭގައި ހިމެނެނީ އައިސްލެންޑް، ލީޗްޓެންސްޓީން، ނޯވޭ އަދި ސުވިޒަލޭންޑެވެ. މި އެއްބަސްވުމުގައި ސޮއިކޮށްފައިވަނީ 2024 ވަނަ އަހަރުގެ މާރިޗު 10 ވަނަ ދުވަހުއެވެ.
މި އެއްބަސްވުމުގެ ދަށުން އިންޑިއާގެ ކަސްޓަމަރުންނަށް މަތީ ފެންވަރުގެ ސުވިސް އުފެއްދުންތައް ކުޑަ އަގެއްގައި ލިބިގެންދާނެއެވެ. އަދި އިންވެސްޓްމަންޓްގެ ގޮތުގައި ފުރަތަމަ 10 އަހަރުގެ ތެރޭގައި 50 ބިލިއަން ޑޮލަރު އަދި ދެން އަންނަ 5 އަހަރުގެ ތެރޭގައި އިތުރު 50 ބިލިއަން ޑޮލަރު އިންޑިއާއަށް ލިބޭނެއެވެ. މީގެ ސަބަބުން އިންޑިއާގައި 1 މިލިއަން ވަޒީފާ އުފެދިގެންދާނެ ކަމަށް ލަފާކުރެވެއެވެ.
އިންޑިއާގެ ވިޔަފާރި އަދި ސިނާއަތުގެ ވަޒީރު ޕިޔުޝް ގޮޔަލް ވިދާޅުވި ގޮތުގައި، މި އެއްބަސްވުމުގެ ދަށުން އިންޑިއާއިން 82.7 އިންސައްތަ ޓެރިފް ލައިންތަކަށް ލުއިދޭއިރު، މީގެ ތެރެއިން 80 އިންސައްތައަކީ ރަން އިމްޕޯޓް ކުރުމަށް ދެވޭ ލުއިތަކެވެ. ނަމަވެސް ކިރު، ސޯޔާ، އަދި އެހެނިހެން މުހިންމު ދަނޑުވެރިކަމުގެ އުފެއްދުންތައް މި އެއްބަސްވުމުން އިސްތިސްނާ ކުރެވިފައިވެއެވެ.
ޚިދުމަތްތަކުގެ ދާއިރާގައި އިންޑިއާއިން 105 ސަބް-ސެކްޓަރ ހުޅުވާލާފައިވާއިރު، އީއެފްޓީއޭ މެންބަރު ގައުމުތަކުން އިންޑިއާއަށް 110 އިން 128 އާ ދެމެދުގެ އަދަދެއްގެ ސަބް-ސެކްޓަރތަކުގައި ފުރުސަތު ހުޅުވާލާފައިވެއެވެ. މި އެއްބަސްވުމަކީ އިންޑިއާއިން މިހާތަނަށް ސޮއިކޮށްފައިވާ އެއްބަސްވުންތަކުގެ ތެރެއިން މިފަދަ އިންވެސްޓްމަންޓް ޕްލެޖްއެއް ހިމެނޭ ފުރަތަމަ އެއްބަސްވުމެވެ.


