Wednesday, 29 July 2026

އިންޑިއާގައި ބޭއްވި ސިޔާސީ ޖަލްސާއެއްގައި ހިނގި ހިތާމަވެރި ހާދިސާގައި 39 މީހުން މަރުވެއްޖެ

އިންޑިއާގެ ތަމިލްނާޑޫ ސްޓޭޓްގެ ކަރޫރު ސަރަހައްދުގައި ބޭއްވި ސިޔާސީ ޖަލްސާއެއްގައި ހިނގި ހިތާމަވެރި ހާދިސާއެއްގައި 39 މީހުން މަރުވެ، 50 އަށްވުރެ ގިނަ މީހުން ޒަޚަމްވެއްޖެއެވެ. މި ޖަލްސާއަކީ މަޝްހޫރު ތަމިލް އެކްޓަރު ވިޖޭ އޭނާގެ ސިޔާސީ ޕާޓީ "ތަމިލަގަ ވެއްޓްރި ކަޒަގަމް" އަށް ތާއީދު ހޯދުމަށް ބޭއްވި ޖަލްސާއެކެވެ.

ތަމިލްނާޑޫގެ ވެރިކަން ހިންގާ ފަރާތް ކަމުގައިވާ ޗީފް މިނިސްޓަރ އެމް.ކޭ ސްޓާލިން ވިދާޅުވި ގޮތުގައި މި ހާދިސާގައި މަރުވި 39 މީހުންގެ ތެރޭގައި 13 ފިރިހެނުންނާއި، 17 އަންހެނުންނާއި، 4 ފިރިހެން ކުދިންނާއި، 5 އަންހެން ކުދިން ހިމެނެއެވެ. އަދި 51 މީހުން އިންޓެންސިވް ފަރުވާ ދެމުންދާ ކަމަށް އޭނާ ވިދާޅުވިއެވެ.

ޕޮލިސް ޗީފް ޑީޖީޕީ ވެންކަޓްރަމަން ހިންދުސްތާން ޓައިމްސްއަށް ވިދާޅުވި ގޮތުގައި މި ހާދިސާ ހިނގީ ވިޖޭ ޖަލްސާއަށް ލަސްވެގެން އައުމާ ގުޅިގެން ގިނަ އަދަދެއްގެ ބަޔަކު އެއްތަނަކަށް ޖަމާވުމުގެ ސަބަބުންނެވެ.

"ވިޖޭ ރޭގަނޑު 7:40 ގައި ވަޑައިގަތްއިރު، ގިނަ ބަޔަކު ކާއެއްޗެއް ނުލިބި، ފެންވެސް ނުލިބި ގަޑިއިރުތަކެއް ވަންދެން މަޑުކޮށްގެން ތިބީ. މިއީ ހަޤީޤަތް،" އޭނާ ވިދާޅުވިއެވެ.

މި ހާދިސާއާ ގުޅިގެން ވިޖޭ އޭނާގެ "އެކްސް" އެކައުންޓްގައި ލިޔުއްވާފައިވަނީ މި ހާދިސާ އާއި ގުޅިގެން އޭނާއަށް ބަޔާންކުރަން ދަތި، ނުހަނު ބޮޑު ހިތާމައެއް ކުރިމަތިވެފައިވާ ކަމަށެވެ. އަދި މަރުވެފައިވާ ފަރާތްތަކުގެ އާއިލާތަކަށް ތައުޒިއާ ކިޔުިއްވާފައި ވެއެވެ.

ޗީފް މިނިސްޓަރ ސްޓާލިން ވަނީ މި ހާދިސާގައި މަރުވި ކޮންމެ މީހެއްގެ އާއިލާއަކަށް 1 މިލިއަން އިންޑިއަން ރުޕީސް (11,280 އެމެރިކާ ޑޮލަރު) ގެ ބަދަލު ދެއްވާނެ ކަމަށް އިއުލާނު ކުރައްވާފައެވެ. އަދި މި މައްސަލަ ތަހުގީގު ކުރުމަށް ވަކި ކޮމިޓީއެއް އެކުލަވާލާފައިވެއެވެ. މި ހާދިސާއާ ގުޅިގެން އިންޑިއާގެ ބޮޑުވަޒީރު ނަރެންދްރަ މޯދީ ވެސް ވަނީ ފުން ހިތާމަ ފާޅުކުރައްވާފައެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *