Wednesday, 29 July 2026

ދެކުނު ސޫދާނުގެ އިންސާނީ ޙައްޤުތަކުގެ ހާލަތު ގޯސްވަމުންދަނީ ސަރުކާރުގެ ކޮރަޕްޝަނުގެ ސަބަބުން: އދ.

ދެކުނު ސޫދާނުގެ ސަރުކާރުގެ ކޮރަޕްޝަނުގެ ސަބަބުން އެ ގައުމުގެ އިންސާނީ ޙައްޤުތަކުގެ ހާލަތު ދަށަށް ދިއުމުގެ އިތުރުން، ގައުމުގެ ވަސީލަތްތައް ނަހަމަ ގޮތުގައި ބޭނުންކުރަމުންދާކަމަށް އދ. ގެ އިންސާނީ ޙައްޤުތަކާބެހޭ ކައުންސިލުން އެކުލަވާލާފައިވާ މިނިވަން ކޮމިޝަނުގެ ރިޕޯޓެއްގައި ފާހަގަކޮށްފިއެވެ.

ދެ އަހަރުގެ މުއްދަތަށް ކުރެވުނު ތަޙްޤީޤުތަކަށްފަހު އެކުލަވާލާފައިވާ މި ރިޕޯޓުގައި، ތެލާއި އެހެނިހެން ވަސީލަތްތަކުން ލިބޭ އާމްދަނީ ސިޔާސީ ގުޅުން ހުރި ކުންފުނިތަކާއި އަމިއްލަ ފަރާތްތަކަށް ބަދަލުކުރެވެމުންދާ ކަމަށް ބަޔާންކޮށްފައިވެއެވެ. "އަޅުގަނޑުމެންގެ ރިޕޯޓުން ދައްކައިދެނީ އެއް ގައުމެއް ފޭރިގަނެވެމުންދާ ވާހަކަ. ކޮރަޕްޝަނަކީ ދެކުނު ސޫދާނުގެ ފަހަތަށް ދިއުމުގެ ސަބަބު" މިހެން ވިދާޅުވީ ކޮމިޝަނުގެ ޗެއަރ ޔަސްމިން ސޫކާއެވެ.

2011 ވަނަ އަހަރު މިނިވަންވި ފަހުން، ދެކުނު ސޫދާނަށް ތެލުގެ ވިޔަފާރިން އެކަނި 25.2 ބިލިއަން ޑޮލަރަށްވުރެ ގިނަ އަދަދެއްގެ ފައިސާ ލިބިފައިވާއިރު، އަސާސީ ޚިދުމަތްތަކަށް މި ފައިސާއިން ކުޑަ އަދަދެއް ވެސް ޚަރަދުކޮށްފައިނުވާކަން ރިޕޯޓުން ހާމަވެއެވެ. މީގެ ސަބަބުން ތަޢުލީމީ ނިޒާމާއި، ސިއްޙީ ނިޒާމު އަދި ޢަދުލު އިންސާފުގެ ނިޒާމު ވަނީ ބޮޑު ހީނަރުކަމަކާ ކުރިމަތިވެފައެވެ.

"މި ފައިސާ ނަހަމަ ގޮތުގައި ބޭނުންކުރުމަކީ ހަމައެކަނި ބަޖެޓުގެ މައްސަލައެއް ނޫން. މީގެ ސަބަބުން މީހުން މަރުވެ، ކުޑަކުދިންނަށް ކާންނުލިބި، އަދި ތަޢުލީމުން މަހުރޫމުވެގެން ދޭ،" މިހެން ވިދާޅުވީ ކޮމިޝަނަރ ކާލޯސް ކަސްޓްރެސާނާ ފަރްނާންޑެޒްއެވެ.

ރިޕޯޓުގައި ފާހަގަކޮށްފައިވާ އެއް ކޮރަޕްޝަންގެ ސްކީމަކީ "އޮއިލް ފޯ ރޯޑްސް" ޕްރޮގްރާމެވެ. މި ޕްރޮގްރާމުގެ ދަށުން މަގުތައް ހެދުމަށް ކަނޑައެޅުނު 2.2 ބިލިއަން ޑޮލަރު ވަނީ ސިޔާސީ ފަރާތްތަކުގެ އަތްމައްޗަށް ބަދަލުކުރެވިފައެވެ. އަދި ކްރޯފޯޑް ކެޕިޓަލް ނަމަކަށް ކިޔާ ސިޔާސީ ގުޅުން އޮންނަ ކުންފުންޏަކުން ޓެކްސްގެ ގޮތުގައި ނަގާ ފައިސާ ސަރުކާރުގެ ބަޖެޓަށް ނުލިބޭކަން ވެސް ރިޕޯޓުގައި ފާހަގަކޮށްފައިވެއެވެ.

2018 ވަނަ އަހަރު ވެވުނު ސުލްޙައިގެ އެއްބަސްވުމުގައި ސްޓްރަކްޗަރަލް ބަދަލުތަކެއް ގެނައުމަށާއި، ސަރުކާރުގެ މާލީ ހިންގުން ރަނގަޅުކުރުމަށް އެއްބަސްވެފައިވީ ނަމަވެސް، މި އިސްލާހުތައް ގެނައުމަށް އެކަށީގެންވާ ފަންޑިންގ އާއި ތަންފީޒުކުރުން ނެތްކަން ރިޕޯޓުން ދައްކައެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *