ޣައްޒާއަށް ކޮންމެހެން ބޭނުންވާ އިންސާނީ އެހީ ފޯރުކޮށްދިނުމަށާއި އިސްރާއީލުން ޣައްޒާގައި ކޮށްފައިވާ ހިސާރު ނިމުމަކަށް ގެނައުމަށް ގްލޯބަލް ސުމޫދު ފްލޮޓިލާ (ޖީއެސްއެފް) ޓިއުނީޝިއާއިން ދަތުރު ފަށައިފިއެވެ.
40 އަށްވުރެ ގިނަ ގައުމުތަކުގެ އެކްޓިވިސްޓުން ބައިވެރިވާ މި ފްލޮޓިލާ ފުރީ ޓިއުނީޝިއާގެ އުތުރުގައި އޮންނަ ބިޒަރޓް ބަނދަރުންނެވެ. މި ހަފްތާގެ ކުރީކޮޅު ފްލޮޓިލާގެ ދެ އުޅަނދަކަށް ހަމަލާ ދިނުމާ ގުޅިގެން ދަތުރު ފެށުން ލަސްވެފައިވެއެވެ. ހޯމަ ދުވަހު މައި އުޅަނދު "ފެމިލީ" އަށް ސިދި ބޫ ސައީދުގައި އޮއްވާ ޑްރޯނަކުން ހަމަލާދިން އިރު، އަންގާރަ ދުވަހުގެ ރޭ "އަލްމާ" އުޅަނދަށް ހަމަލާދީފައިވެއެވެ. ނަމަވެސް މި ހަމަލާތަކުގައި އެއްވެސް މީހަކަށް ގެއްލުމެއް ލިބިފައެއް ނުވެއެވެ.
ޝިރީން އަބޫ އަކްލެހް އުޅަނދުގައި ހުރި އަލްޖަޒީރާގެ ނޫސްވެރިޔަކާއި ހަވާލާދީ އެ ނޫހުން ވަނީ ގްލޯބަލް ފްލޮޓިލާ ވަނީ ބާސެލޯނާއިން ފުރިތާ 14 ދުވަސް ފަހުން، އެއްވެސް ތަނެއްގައި މަޑުކުރުމެއް ނެތި، ޓިއުނީޝިއާގެ ބަނދަރުން ޣައްޒާއަށް ދަތުރު ފަށާފައިވާ ކަމަށް ބުނެފައެވެ. އަދި އުޅަނދުތަކުގައި ކާބޯތަކެއްޗާއި އިންސާނީ އެހީ އެބަހުރި ކަމަށާއި، މި މިޝަންގައި ބައިވެރިވާ ފަރާތްތަކުން ބުނެފައިވަނީ މިއީ އަނިޔާވެރިކަމެއް ނެތް މިޝަނެއް ކަމަށާއި، އެމީހުންގެ މަޤްޞަދަކީ ހަމައެކަނި ޣައްޒާގެ ފަލަސްޠީނު ރައްޔިތުންނަށް އެހީ ފޯރުކޮށްދިނުމަށް މަގެއް ހުޅުވުން ކަމަށް ބުނެފައެވެ.
މި ފްލޮޓިލާގައި ތަފާތު އެކި ދާއިރާތަކުގެ ފާހަގަކޮށްލެވޭ ޝަޚްޞިއްޔަތުތައް ބައިވެރިވެފައިވެއެވެ. އޭގެ ތެރޭގައި މޫސުމަށް އަންނަ ބަދަލުތަކާ ދެކޮޅަށް ކެމްޕޭން ކުރާ ގްރެޓާ ތަންބަރގް، އައިރިޝް އެކްޓަރ ލިއަމް ކަނިންގްހަމް، އަދި ބާސެލޯނާގެ ކުރީގެ މޭޔަރު އަދާ ކޮލައު ހިމެނެއެވެ. މީގެ އިތުރުން އިޓަލީގެ ހަތަރު ޕާލިމެންޓް މެންބަރުންނާއި އެހެނިހެން އިންތިޚާބު ވެފައިވާ އޮފިޝަލުންނާއި އެކްޓިވިސްޓުން ވެސް ބައިވެރިވެއެވެ.


