ޤަތަރުގެ ވެރިރަށް ދޯހާއަށް އިސްރާއީލުން ދިން ހަމަލާއާ ގުޅިގެން، އެކަމަށް ޖަވާބެއް ދޭންޖެހޭ ކަމަށް ޤަތަރުގެ ބޮޑުވަޒީރު ޝެއިޚް މުހައްމަދު ބިން އަބްދުއްރަހްމާން ބިން ޖާސިމް އަލް ތާނީ ވިދާޅުވެއްޖެއެވެ. ޤަތަރުގެ ބޮޑުވަޒީރު މިހެން ވިދަޅުވެފައި މިވަނީ މި ހަމަލާއާ ގުޅިގެން ޢަރަބި ލީޑަރުން ޤަތަރަށް އެއްބައިވަންތަކަން ފާޅުކުރުމަށް ޒިޔާރަތްކުރަމުންދާ ވަގުތެއްގައެވެ.
ސީއެންއެންއަށް ދެއްވި ޚާއްސަ އިންޓަވިއުއެއްގައި ބޮޑުވަޒީރު ވިދާޅުވީ، މުޅި ޚަލީޖު ސަރަޙައްދު ނުރައްކަލުގެ ތެރޭގައި ވާ ކަމަށާއި، ސަރަޙައްދުގެ އެހެން ބައިވެރިންނާއެކު މަޝްވަރާކޮށް ޖަވާބެއް ދެވޭނެ ކަމަށެވެ. އަދި އިސްރާއީލުގެ ބޮޑުވަޒީރު ނެތަންޔާހޫ މުޅި ސަރަޙައްދު ހަމަނުޖެހުމަކަށް ވައްޓާލަމުންދާ ކަމަށް ވިދާޅުވެ ފާޅުގައި ފާޑުވިދާޅުވިއެވެ.
އިސްރާއީލުން ދޯހާއަށް ދިން ހަމަލާގައި ޤަތަރުގެ ދެ ސެކިއުރިޓީ އޮފިސަރުން ޝަހީދުވެފައިވާއިރު، މި ހަމަލާ އަމާޒުކޮށްފައިވަނީ ޣައްޒާގެ ހަމަނުޖެހުން ހުއްޓުވުމަށް އެމެރިކާގެ ރައީސް ޓްރަމްޕް ހުށަހެޅުއްވި ހުށަހެޅުމާމެދު މަޝްވަރާކުރަމުންދިޔަ ހަމާސްގެ ލީޑަރުންނަށެވެ. މި ހަމަލާގައި 7 މީހުން މަރުވެފައިވާކަމަށް ރިޕޯޓުކުރެވެއެވެ.
ފްރާންސްގެ ރައީސް އެމެނުއެލް މެކްރޯން ވަނީ ޤަތަރުގެ އަމީރު ޝެއިޚް ތަމީމް ބިން ހަމަދު އަލް ތާނީއާ ފޯނުން މުޢާމަލާތްކުރައްވައި، އިސްރާއީލުގެ ހަމަލާ ކުށްވެރިކުރައްވާފައެވެ. "މި ހަމަލާތަކަކީ ޤަބޫލުކުރެވޭނެ ކަމެއް ނޫން. އަޅުގަނޑު މިކަން ކުށްވެރިކުރަން. ޤަތަރުގެ މިނިވަންކަމާއި ސަލާމަތްތެރިކަމަށް ފްރާންސްގެ ފުރިހަމަ އެއްބާރުލުން އޮތްކަން އަޅުގަނޑު އަލުން ޔަޤީންކޮށްދެން،" މެކްރޯން ވިދާޅުވިއެވެ.
ލުބުނާނުގެ ހިޒްބުއްލާގެ އިސްވެރިޔާ ނައީމް ޤާސިމް ވިދާޅުވެފައިވަނީ، ޤަތަރަށް އިސްރާއީލުން ދިން ހަމަލާއަކީ ތެޔޮ މުއްސަނދި ޚަލީޖު ޤައުމުތަކަށް ދެވުނު އިންޒާރެއް ކަމަށެވެ.


