ޑިމޮކްރެޓިކް ރިޕަބްލިކް އޮފް ކޮންގޯގައި އައިއެސްއައިއެލް (އައިސިސް) އާއި ގުޅުންހުރި ބަޔަކު މި މަހު 52 އާންމުން މަރާލައިފިކަމަށް އދ. ގެ ސުލްހަ ސަލާމަތީ މިޝަން (މޮނުސްކޯ) އިން ހާމަކޮށްފިއެވެ. މިކަން ހާމަކުރީ އެމެރިކާގެ މެދުވެރިކަމާއެކު ވެވުނު ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުން ނުހިފެހެއްޓުމުގެ ތުހުމަތު ކޮންގޯ ސިފައިންނާއި ރުވާންޑާގެ އެހީތެރިކަން ލިބިފައިވާ އެމް23 ބަޣާވާތްތެރިން އެކަކު އަނެކަކަށް ކުރަމުންދާ ދަނޑިވަޅެއްގައެވެ.
މޮނުސްކޯއިން ބުނި ގޮތުގައި އެލައިޑް ޑިމޮކްރެޓިކް ފޯސަސް (އޭޑީއެފް) އިން އޯގަސްޓް 9 އިން 16 އަށް ހަމަލާ ދީފައިވަނީ އިރުމަތީ ނޯތު ކިވު ޕްރޮވިންސްގެ ބެނީ އަދި ލުބެރޯ ސަރަހައްދުތަކަށެވެ. އަދި މަރުވި މީހުންގެ އަދަދު އިތުރުވެދާނެ ކަމަށް އެ މިޝަނުން އިންޒާރު ދީފައިވެއެވެ.
މޮނުސްކޯގެ ތަރުޖަމާނު ބުނި ގޮތުގައި މި އަނިޔާވެރި ހަމަލާތަކާއެކު މީހުން ވަގަށްނެގުމާއި، ވައްކަންކުރުމާއި، ގެތަކާއި އުޅަނދުފަހަރު އަދި އެއްގަމު އުޅަނދުތައް އަންދާލުމާއި، އިންސާނީ ގޮތުން ނާޒުކު ހާލަތެއްގައި ތިބި ރައްޔިތުންގެ މުދާ ހަލާކުކުރުން ހިމެނެއެވެ. މި ހަމަލާތައް އެންމެ ހަރުކަށި އިބާރާތުން މިޝަނުން ކުށްވެރިކޮށްފައިވެއެވެ.
ކޮންގޯ ސިފައިންގެ ސަރަހައްދީ ތަރުޖަމާނު ލެފްޓިނެންޓް އެލޮންގޯ ކިޔޮންޑްވާ މާކް ބުނި ގޮތުގައި އޭޑީއެފްއިން މި ހަމަލާތައް ދިނީ ކޮންގޯ ސިފައިންނާ ކުރިމަތިލައި ބަލިވުމުން އޭގެ ބަދަލު ހިފުމުގެ ގޮތުންނެވެ.
އޭޑީއެފްއަކީ 1990 ގެ އަހަރުތަކުގައި ޔުގަންޑާގެ ރައީސް ޔޮވެރީ މުސެވެނީއާ މެދު ހިތްހަމަނުޖެހިގެން އުފެދުނު ހަތިޔާރުއެޅި ގްރޫޕެކެވެ. 2019 ވަނަ އަހަރު އައިއެސްއައިއެލްއަށް ބައިއަތު ހިފާފައިވާ މި ގްރޫޕުން އިރުމަތީ ކޮންގޯގައި ހާހުން ގިނަ އާންމުން މަރާލައި، ވައްކަން އިތުރުކޮށްފައިވެއެވެ.


