އިސްރާއީލުގެ ހަނގުރާމައާއި ބްލޮކޭޑްގެ ސަބަބުން ޣައްޒާގައި އެންޓިބައޮޓިކްސްއަށް ނުގުޑާ ބަލިތައް ވަރަށް ބޮޑަށް ފެތުރިފައިވާކަން އައު ދިރާސާއަކުން ދައްކައިފިއެވެ.
މެޑިކަލް ޖާނަލް "ދަ ލެންސެޓް" ގައި މިދިޔަ އަންގާރަ ދުވަހު ޝާއިޢުކޮށްފައިވާ ޕިއަރ-ރިވިއުކޮށްފައިވާ ދިރާސާގައި، 2023 ވަނަ އަހަރުގެ ނޮވެމްބަރުން 2024 ވަނަ އަހަރުގެ އޯގަސްޓަށް ޣައްޒާ ސިޓީގެ އަލް-އަހްލީ ހޮސްޕިޓަލުން ނެގި 1،300 ސާމްޕަލް ދިރާސާކޮށްފައިވެއެވެ.
މި ދިރާސާއިން ދައްކާގޮތުގައި ދިރާސާކުރެވުނު ސާމްޕަލްތަކުގެ 66.9 އިންސައްތައަކީ ގިނަ ބާވަތުގެ ބޭސްތަކަށް ނުގުޑާ ބެކްޓީރިއާއެވެ. މީގެ ތެރޭގައި އެމޮކްސިސިލިން-ކްލެވުލަނޭޓް، ސެފިއުރޮކްސައިމް އަދި ސެފޮޓެކްސައިމް ފަދަ އެންޓިބައޮޓިކްސްތަކަށް ދެކޮޅުހަދާ ބެކްޓީރިއާ ހިމެނެއެވެ.
"މީގެ މާނައަކީ ދިގު މުއްދަތަކަށް އަދި ވަރަށް ބޮޑެތި ބަލިތަކާ ކުރިމަތިލާން ޖެހި، އެހެން މީހުންނަށް ބަލި ފެތުރުމުގެ ރިސްކް ވަރަށް ބޮޑުވެގެން ދާނެކަން. އާންމު އިންފެކްޝަންތަކުން މަރުވުމުގެ ރިސްކް އިތުރުވެގެންދާނެ. މީގެ މާނައަކީ އިތުރު އަތްފައި ބުރިކުރަން ޖެހުން. މިއީ ވަރަށް ނުރައްކާތެރި މަންޒަރެއް،" މިހެން ޑޮކްޓަރސް ވިތައުޓް ބޯޑަރސް (އެމްއެސްއެފް)ގެ އެޕިޑެމިއޮލޮޖީ އެޑްވައިޒަރ ކްރިސްޓެލް މުސަލީ ވިދާޅުވިއެވެ.
އިސްރާއީލުން މާރޗް މަހުން ފެށިގެން މެޑިކަލް ސަޕްލައިސް ހިމެނޭ ގޮތަށް ކާބޯތަކެއްޗާއި އިންސާނީ އެހީ ޣައްޒާއަށް ވެއްދުން ހުއްޓުވާލާފައިވާއިރު، ވޯލްޑް ހެލްތު އޯގަނައިޒޭޝަން (ޑަބްލިއުއެޗްއޯ) އިން އިސްރާއީލަށް ގޮވާލާފައިވަނީ ޣައްޒާ ސިޓީ "ހިފަހައްޓާލުމުގެ" ޕްލޭނުގެ ކުރިން މިހާރުވެސް "ކާރިސާގެ" ހާލަތުގައިވާ ސަރަހައްދަށް އަވަސް މެޑިކަލް ސަޕްލައިސް ފޯރުކޮށްދިނުމަށް ހުއްދަދިނުމަށެވެ.


