Tuesday, 28 July 2026

އިސްރާއިލުން ޣައްޒާގައި ތިބި އަލްޖަޒީރާގެ ނޫސްވެރިން ޝަހީދުކޮށްލުން އެ ނެޓްވޯކުން ކުށްވެރިކޮށްފި

އަލްޖަޒީރާ މީޑިއާ ނެޓްވޯކުގެ ނޫސްވެރިން އަނަސް އައްޝަރީފް އަދި މުހައްމަދު ޤުރައިޤާ އާއި، ފޮޓޯގްރާފަރުން އިބްރާހިމް އަލްތާހިރު އަދި މުހައްމަދު ނޯފަލް އިސްރާއީލީ އޮކިއުޕޭޝަން ފޯސްތަކުން ޓާގެޓް ކޮށްގެން ޝަހީދުކޮށްލާފައިވާ ކަމަށް ބުނެ އަލްޖަޒީރާ މީޑިއާ ނެޓްވޯކުން ހަރުކަށި އިބާރާތުން ކުށްވެރިކޮށްފިއެވެ.

އިސްރާއީލީ އޮކިއުޕޭޝަން ފޯސްތަކުން ނެރުނު ބަޔާނެއްގައި އެ ކުށް އެއްބަސްވެ، އައްޝިފާ މެޑިކަލް ކޮމްޕްލެކްސްގެ ކުރިމަތީގައި ހުރި ޓެންޓެއްގައި ތިބި ނޫސްވެރިންނަށް ސީދާ ހަމަލާއެއް ދިންކަން އެނގިގެން ދިޔައެވެ. މި ހަމަލާގައި އެ ނޫސްވެރިން ޝަހީދުވެގެން ދިޔައެވެ. މި ހަމަލާ އައިސްފައިވަނީ ޣައްޒާގައި އިސްރާއީލުން ދެމުންދާ ނުރައްކާތެރި ހަމަލާތަކުގެ ތެރެއިންނެވެ. މި ހަމަލާތަކުގައި އާންމު ރައްޔިތުން މަރަމުންދާއިރު، ބަނޑަހައިހޫނުކަމަށް މަޖުބޫރުކުރުވައި، މުޅި މުޖުތަމައުތަކެއް ފުނޑުފުނޑުކޮށްލަމުން ކަމަށް އަލްޖަޒީރާއިން ނެރުނު ބަޔާނުގައި ބުނެފައިވެއެވެ.

އަލްޖަޒީރާއިން ބުނާ ގޮތުގައި، ޣައްޒާގެ ހިތްވަރުގަދަ ނޫސްވެރިއެއް ކަމުގައިވާ އަނަސް އައްޝަރީފް އަދި އޭނާގެ އެކުވެރިން މަރާލުމަކީ ޣައްޒާ އޮކިއުޕައި ކުރުމުގެ ކުރިން، އެކަން ހާމަކުރަމުންދާ އަޑުތައް ނިއްވާލުމަށް ކުރެވުނު މާޔޫސް މަސައްކަތެކެވެ. އަދި މި ހަމަލާއަކީ ނޫސްވެރިކަމުގެ މިނިވަންކަމަށް ދެވުނު ސީދާ ހަމަލާއެއް ކަމަށްވެސް އެ ނެޓްވޯކުން ބުނެފައިވެއެވެ.

ބައިނަލްއަޤްވާމީ މީޑިއާތަކަށް ޣައްޒާއަށް ވަނުން މަނާކޮށްފައިވާއިރު، އަލްޖަޒީރާގެ ނޫސްވެރިން ވަނީ ޣައްޒާގައި ދެމިތިބެ، އެތަނުގެ ރައްޔިތުންނާއެކު ބަނޑަހައިހޫނުކަމާއި ވޭންތައް ތަހައްމަލުކުރަމުން، އެ ހާދިސާތައް ލެންސްތަކުން ދުނިޔެއަށް ގެނެސްދީފައެވެ. 22 މަސްދުވަހުގެ ހަނގުރާމައިގެ ތެރޭގައި ހިނގަމުންދާ ބޮންބާރުންތަކާއި ހަލާކުވަމުންދާ މަންޒަރުތައް ސީދާ ކަވަރޭޖްގެ ޒަރިއްޔާއިން އެ ނޫސްވެރިން ވަނީ ދުނިޔެއަށް ދައްކުވައިދީފައެވެ.

އަލްޖަޒީރާ މީޑިއާ ނެޓްވޯކުން މި ނުރައްކާތެރި ޖަރީމާތައް ކުށްވެރިކުރަމުން، ބައިނަލްއަޤްވާމީ މުޖުތަމައުއަށާއި ކަމާބެހޭ އެންމެހާ ޖަމިއްޔާތަކަށް ގޮވާލާފައިވަނީ މި ޖެނޮސައިޑް ހުއްޓުވުމަށާއި ނޫސްވެރިންނަށް އަމާޒުކޮށް ދެވޭ ހަމަލާތައް ނިމުމަކަށް ގެނައުމަށް ހަރުދަނާ ފިޔަވަޅުތަކެއް އެޅުމަށެވެ. އަދި މިފަދަ ކުށްތަކަށް އިމިއުނިޓީ ދިނުމާއި ޖަވާބުދާރީ ނުކުރުވުމަކީ އިސްރާއީލުގެ އަމަލުތަކަށް ހިތްވަރުދިނުން ކަމަށާއި، ހަޤީޤަތް ހާމަކުރާ ފަރާތްތަކަށް އިތުރު އަނިޔާތައް ކުރުމަށް މަގުފަހިވާނެ ކަމެއް ކަމަށް އަލްޖަޒީރާއިން ވަނީ ފާހަގަކޮށްފައެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *