އިޒްރޭލާއި އެމެރިކާގެ އެހީތެރިކަމާއެކު ހިންގާ ޣައްޒާ ހިއުމެނިޓޭރިއަން ފައުންޑޭޝަން (ޖީއެޗްއެފް) އަކީ "ރޭވިގެން ހިންގޭ ބަނޑުހައިހޫނުކަމާއެކު، އިންސާނިއްޔަތުކަން ނައްތާލުމުގެ ޢަމަލެއް" ކަމަށް ޑޮކްޓަރސް ވިތައުޓް ބޯޑަރސް (އެމްއެސްއެފް) އިން ބުނެފިއެވެ.
ބުރާސްފަތި ދުވަހު ނެރުނު "މިއީ އެހީއެއް ނޫން، މިއީ ރޭވިގެން ކުރެވޭ މަރުގެ ޢަމަލުތަކެއް" މި ސުރުޚީގެ ރިޕޯޓެއްގައި އެމްއެސްއެފްއިން ބުނެފައިވަނީ، ޖީއެޗްއެފްއަށް ރައްކާތެރިކަމާއެކު އެހީ ފޯރުކޮށްދިނުމުގެ ތަޖުރިބާ ލިބިފައިނުވާ ކަމަށާއި، މި ނިޒާމުގެ ސަބަބުން ގިނަ އަދަދެއްގެ މީހުން މަރުވެ، އަނިޔާވެފައިވާ ކަމަށެވެ.
ފަލަސްތީނުގެ ސިއްހީ ވުޒާރާއިން ހާމަކޮށްފައިވާ ގޮތުގައި މޭ 27 އިން ފެށިގެން އެހީ ހޯދަން އުޅުނު 1،700 އަށްވުރެ ގިނަ މީހުން މަރުވެފައިވެއެވެ. މީގެ ތެރެއިން ގިނަ މީހުން މަރުވެފައިވަނީ ޖީއެޗްއެފްގެ އެހީ ބެހުމުގެ ސަރަހައްދުތަކުގައެވެ.
އެމްއެސްއެފްގެ ތަފާސްހިސާބުތަކުން ދައްކާގޮތުގައި ޖީއެޗްއެފްގެ ސަރަހައްދުތަކުގައި އަނިޔާވި މީހުންގެ ތެރެއިން 96 ޕަސެންޓަކީ ޒުވާން ފިރިހެނުންނެވެ. އަދި މީގެ ގިނަ މީހުންނަކީ 30 އަހަރުން ދަށުގެ މީހުންނެވެ. މީގެ އިތުރުން، އުމުރުން ދުވަސްވީ މީހުންނާއި، ބަލިހާލުގައި ތިބި މީހުންނާއި، ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް އެހީ ނުލިބޭކަން ރިޕޯޓުގައި ފާހަގަކޮށްފައިވެއެވެ.
"ޖީއެޗްއެފްގެ ނިޒާމަކީ ޣައްޒާގެ ރައްޔިތުން – ޚާއްޞަކޮށް ޒުވާން ފަލަސްތީނު ފިރިހެނުން – އިތުރަށް އިންސާނިއްޔަތުކަމުން ނައްތާލުމަށް، އިންސާނީ އެހީގެ ނަމުގައި ހިންގޭ، އަދި މިކަމަށް ހިތްވަރުދެވޭ ނިޒާމެއް" ކަމަށް ރިޕޯޓުގައި ބަޔާންކޮށްފައިވެއެވެ.


