Tuesday, 28 July 2026

އިސްރާއީލުން ބަނޑުހައިހޫނުކަމުގައި ތިބި 92 ފަލަސްތީނު ރައްޔިތުން ޝަހީދުކޮށްލައިފި

އިސްރާއީލުގެ ހަނގުރާމަވެރި ހަމަލާތަކުގައި އިއްޔެ ޣައްޒާގައި 92 ފަލަސްތީނު ރައްޔިތުން ޝަހީދުވެއްޖެއެވެ. މީގެ ތެރޭގައި އެހީ ހޯދަން އުޅުނު 56 މީހުން ހިމެނެއެވެ. މި ހަމަލާތައް ދެމުންދަނީ ޣައްޒާގައި ބަނޑުހައިހޫނުކަމާއި ކާބޯތަކެތީގެ ދަތިކަން އިތުރުވަމުންދާ ދަނޑިވަޅެއްގައެވެ.

އިސްރާއީލުން ދެކުނު ވެސްޓް ބޭންކްގެ ހީބްރޯން ސިޓީގައި ކުރިއަށްގެންދާ ހަމަލާތައް އިއްޔެ ވަނީ ހަރުކަށިކޮށްފައެވެ. މި ހަމަލާތަކުގައި ފަލަސްތީނު ރައްޔިތުންތަކެއް ވަނީ ޝަހީދުވެފައެވެ.

ވަފާ ނިއުސް އޭޖެންސީއަށް ސެކިއުރިޓީ ވަސީލަތްތަކުން މައުލޫމާތު ދިންގޮތުގައި، ހީބްރޯންގެ މެދު ސަރަހައްދުގައި ކުރިއަށްގެންދިޔަ ރެއިޑްގައި އިސްރާއީލު ސިފައިން ވަނީ ރައްޔިތުންނާއި ފިހާރަތަކަށް އަމާޒުކޮށް، ހަގީގީ ވަޒަނާއި، ކަރުނަގޭސް އަދި އަޑުގަދަ ގްރެނޭޑް ބޭނުންކޮށްފައެވެ.

މީގެއިތުރުން، އިސްރާއީލު ސިފައިން ވަނީ ގަލްގީލިއާގެ އިރުމަތީގައި އޮންނަ ކަފްރު ގަދޫމްއަށްވެސް އަރައިގަނެފައެވެ. އަލްޖަޒީރާއިން ކަށަވަރުކޮށްދީފައިވާ ފުޓޭޖްތަކުން ދައްކާގޮތުގައި، ނާބްލުސްގެ ސެބަސްޓިއާ އަދި ޓުލްކަރަމްގެ އަނަބްތާ ރަށްތަކުގައިވެސް ރެއިޑްތައް ކުރިއަށްގެންދެވިފައިވެއެވެ.

މި ހަމަލާތައް އަންނަނީ އިސްރާއީލުން އޮކިއުޕައިޑް ވެސްޓް ބޭންކްގައި ހިންގާ އޮޕަރޭޝަންތައް އިތުރުވަމުންދާ ދަނޑިވަޅެއްގައެވެ. ފަލަސްތީނު ރައްޔިތުންނަށް އަމާޒުކޮށް ދެމުންދާ މި ހަމަލާތަކާމެދު ބައިނަލްއަގުވާމީ މުޖުތަމައުގެ ކަންބޮޑުވުން އިތުރުވަމުންދާކަން ފާހަގަކުރެވެއެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *