އިސްލާމްދީނުގެ ދެވަނައަށް އެންމެ މަތިވެރި ސިޓީ ކަމުގައިވާ މަދީނާއަށް ވޯލްޑް ހެލްތް އޮގަނައިޒޭޝަން (ޑަބްލިއުއެޗްއޯ) އިން "ދުޅަހެޔޮ ސިޓީ" ގެ ލަޤަބު އައުކޮށްދީފިއެވެ. ސަޢޫދީ ޕްރެސް އެޖެންސީ (އެސްޕީއޭ) އިން ރިޕޯޓުކުރި ގޮތުގައި މި ލަޤަބު ލިބުމުގައި މަދީނާއިން ވަނީ 80 ޕޮއިންޓް ހޯދާފައެވެ.
ބުރާސްފަތި ދުވަހު ބޭއްވުނު ރަސްމިއްޔާތެއްގައި މަދީނާ ސަރަހައްދުގެ ގަވަރުނަރު، ޕްރިންސް ސަލްމާން ބިން ސުލްޠާނަށް ވަނީ ސިއްހީ ވަޒީރު ފަހަދު އަލްޖަލާޖެލް މި ސެޓްފިކެޓް ހަވާލުކޮށްފައެވެ. މި މުނާސަބަތުގައި ވާހަކަފުޅު ދައްކަވަމުން ޕްރިންސް ސަލްމާން ވިދާޅުވީ، މި ލަޤަބުު އައުކުރެވުމަކީ ސަޢޫދީ ސަރުކާރުން ޝަހަރީ ސަރަހައްދުތަކުގައި ދިރިއުޅޭ ރައްޔިތުންގެ ދިރިއުޅުމުގެ ފެންވަރު މަތިކުރުމަށް ދެއްވާ އަހައްމިއްޔަތުކަމުގެ ހެއްކެއް ކަމުގައެވެ.
މި އައު ލަޤަބާ އެކު، މެދުއިރުމަތީގައި ޖިއްދާއަށް ފަހު ދެވަނައަށް އެންމެ ބޮޑު ދުޅަހެޔޮ ސިޓީގެ މަޤާމު މަދީނާއިން ވަނީ ހޯދާފައެވެ. ޑަބްލިއުއެޗްއޯގެ މި ލަޤަބު ލިބުމަށްޓަކައި ޕާކުތަކާއި، ހިނގާ މަގުތަކާއި، ޕްރައިމަރީ ހެލްތް ކެއަރ ސެންޓަރުތަކާއި ސްކޫލްތަކުން ސިއްހަތު ކުރިއެރުވުން ހިމެނޭ ގޮތަށް 80 މިންގަނޑެއް ފުރިހަމަކުރަން ޖެހެއެވެ.
ލީޑަރސް މީނާ މަޖައްލާއިން ހާމަކުރި ގޮތުގައި ސަޢޫދީ އަރަބިއްޔާގެ އިތުރު 14 ސިޓީއަކަށް ވެސް ވަނީ ޑަބްލިއުއެޗްއޯގެ ދުޅަހެޔޮ ސިޓީގެ ލަޤަބު ލިބިފައެވެ. މީގެ ތެރޭގައި ޠާއިފް، ތަބޫކް، އައްދިރިއްޔާ، އުނައިޒާ، ޖަލާޖެލް، އަލްމަންދަޤް، އަލްޖުމޫމް، ރިޔާޟް އަލްޚުބްރާ އަދި ޝަރޫރާ ހިމެނެއެވެ.
ޕްރިންސް ސަލްމާން އިތުރަށް ފާހަގަކުރެއްވި ގޮތުގައި މަދީނާއަކީ ސަޢޫދީ ވިޝަން 2030 ގެ ލަނޑުދަނޑިތަކާ އެއްގޮތަށް، ސަރަހައްދީ އަދި ބައިނަލްއަޤްވާމީ ފެންވަރުގައި ތަރައްޤީގެ ނަމޫނާއެއްގެ ގޮތުގައި ކުރިއަރަމުންދާ ސިޓީއެކެވެ.


