Tuesday, 28 July 2026

ހަރާމް އެއްޗެހި ކައިގެން ހަށިގަނޑުގައި އުފެދޭ މަހާއި ލެއަށް ހައްގުކަން ބޮޑީ ނަރަކަ: ހުތުބާ

ހަރާމް ގޮތުގައި ހޯދާ އެއްޗެހި ކައިގެން ހަށިގަނޑުގައި އުފެދޭ މަހާއި ލެއަށް ހައްގުކަން ބޮޑީ ނަރަކަ ކަމަށް މިއަދުގެ ހުކުރު ހުތުބާ ވިދާޅުވެއްޖެއެވެ.

ހުތުބާގައި ވިދާޅުވި ގޮތުގައި ޖުވާއަކީ ފައިސާ ބަހައްޓައިގެން ބަޔަކު މީހުންގެ މެދުގައި ކުޅެ، މޮޅުވާ މީހާއަށް ނުވަތަ ޓީމަށް އެ އެންމެން ބެހެއްޓި ފައިސާ ނުވަތަ އޭގެ ބައެއް ލިބޭ ގޮތަށް ކުޅޭ ކޮންމެ ކުޅިވަރެކެވެ. އަދި މިއީ އިސްލާމްދީނުގައި ހަރާމްކުރައްވާފައިވާ ކަމެކެވެ.

އިތުރަށް ވިދާޅުވި ގޮތުގައި މާތްﷲ އެކަލާނގެ އަޅުތަކުންނަށް ހުއްދަކުރައްވާފައިވަނީ ހަލާލު ރަނގަޅު ތަކެއްޗާއި އަމަލުތަކެވެ.  "ހަރާމް ގޮތުގައި ހޯދާ އެއްވެސް އެއްޗެއް، ކެއުމަށް ވެސް އަދި އެހެން ކަމަކަށް ވެސް ބޭނުންކުރުން ހުއްދައެއް ނޫން. އެހެނީ އެ ފަދަ އެއްޗެއް ކައިގެން ހަށިގަނޑުގައި އުފެދޭ މަހާއި ލެއަށް ހައްގުކަން ބޮޑީ ނަރަކަ"  ހުތުބާގައި ވިދާޅުވިއެވެ.

ހުތުބާގައި ފާހަގަކުރެއްވި ގޮތުގައި ޖުވާގެ ތެރޭގައި ކާޑު ބޭނުންކޮށްގެން ކުޅޭ ކުޅިވަރާއި، ނަސީބު ނަންބަރު ނެގުމާއި، ކެސިނޯތަކުގައި ކުޅޭ ކުޅިވަރުތަކާއި، އިލެކްޓްރޯނިކް ވަސީލަތްތައް ބޭނުންކޮށްގެން ކުޅޭ ކުޅިވަރުތަކާއި، ހަރަދުކިއުން ނުވަތަ ބެޓުކުރުން ހިމެނެއެވެ.

ހުތުބާގައި އިތުރަށް ވިދާޅުވެފައިވަނީ ޖުވާގެ ބާވަތްތައް ހަރާމްވެގެންވަނީ ނުޙައްގުން މީސްތަކުންގެ މުދަލަށް އަރައިގަނެވޭތީ ކަމަށާއި، ފައިދާވާ މީހާއަށް ލިބެނީ ހަރާމް މުދަލެއް ކަމަށެވެ. އަދި މިފަދަ ހަރާމް ފައިސާއިން ތިމާގެ އަނބިދަރީންނަށް ކާންދިނުމާއި، ގެދޮރު އެޅުމާއި، ދަރީންގެ ތައުލީމަށާއި ސިއްހަތަށް ހޭދަކުރުމަކީ އޭގެ ސަބަބުން އެމީހަކު ސުވަރުގެއިން މަހުރޫމްވެ، ނަރަކަވަންތަވެރިވެދާނެ ކަމެއް ކަމަށް ހަދީސްތަކުން އެނގޭ ކަމަށް ވިދާޅުވިއެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *