އިސްރާއީލުން ޣައްޒާގެ ކެފޭއަކާއި، ސްކޫލަކާއި އަދި ކާބޯތަކެތި ބެހުމުގެ މަރުކަޒުތަކަކަށް ހަމަލާދީ 95 ފަލަސްތީނު ރައްޔިތުން ޝަހީދުކޮށްލައިފިއެވެ. މީގެއިތުރުން ހޮސްޕިޓަލަކަށް ދިން ހަމަލާއެއްގައި އިތުރު އެތައް ބަޔަކު ޒަހަމްވެފައިވެއެވެ.
ހޯމަ ދުވަހު ދިން ހަމަލާތަކުގައި ޝަހީދުވި 62 މީހުންނަކީ ޣައްޒާ ސިޓީއާއި އުތުރު ސަރަހައްދުގެ މީހުންނެވެ. މީގެ ތެރޭގައި ޣައްޒާ ސިޓީގެ އުތުރުގައި ހުންނަ އަލް-ބަގާ ކެފެޓީރިއާއަށް އިސްރާއީލުން ދިން ހަމަލާގައި ޝަހީދުވި 39 މީހުން ހިމެނެއެވެ. މި ހަމަލާގައި އެތައް ބަޔަކު ޒަހަމްވިއެވެ.
ޝަހީދުވި މީހުންގެ ތެރޭގައި ނޫސްވެރިޔާ އިސްމާއީލް އަބޫ ހަތަބްގެ އިތުރުން، އެ ކެފޭގައި އެއްވެފައި ތިބި އަންހެނުންނާއި ކުޑަކުދިން ހިމެނެއެވެ. ރިޕޯޓުތަކުން ބުނާގޮތުގައި މި ހަމަލާދީފައިވަނީ އިސްރާއީލްގެ ހަނގުރާމަވެރި ޖެޓް މަތިންދާބޯޓުތަކުންނެވެ.
އަލް އަގްސާ ހޮސްޕިޓަލުގެ ގޯތިތެރެއަށް ދިން ހަމަލާއާ ގުޅޭގޮތުން ޣައްޒާގެ ސަރުކާރުގެ މީޑިއާ އޮފީހުން ބުނީ މިއީ ފަލަސްތީނުގެ ސިއްހީ ނިޒާމަށް އިސްރާއީލުން ދެމުންދާ ސިސްޓަމެޓިކް ހަމަލާތަކުގެ ތެރެއިން ހަމަލާއެއް ކަމަށެވެ. އަދި މި ހަމަލާގައި ހޮސްޕިޓަލުގެ ގޯތިތެރޭގައި ހުރި ހިޔާވަހިކަން ހޯދާފައިވާ މީހުންގެ ޓެންޓަކަށް ބޮން އެއްލައި، އެތައް ބަޔަކު ޒަހަމްވެ، ތަނަށް ގެއްލުން ލިބި، އަދި އެތައް ބަލިމީހުންގެ ފުރާނައަށް ނުރައްކާވެފައިވާ ކަމަށް ބުނެފައިވެއެވެ.


