އިޒްރޭލާއި އީރާނާ ދެމެދު ހިނގަމުންދާ ހަނގުރާމައާ ގުޅޭ ގޮތުން އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ދައްކަވާފައިވާ ވާހަކަފުޅުތަކަކީ "އެއްވެސް އަސާސެއްނެތް" ވާހަކަތަކެއް ކަމަށާއި، އަދި ރަތް ރޮނގު ހުރަސްކޮށްފިނަމަ އޭގެ ނަތީޖާ ކުރިމަތިވާނެ ކަމުގެ އިންޒާރު ޖެނީވާގައި ހުންނަ އދ. އަށް އީރާނުން ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު އަލީ ބަހްރެއިނީ ދެއްވައިފިއެވެ.
ޖެނީވާގައި އެކްރެޑިޓެޑް ކޮރެސްޕޮންޑެންޓުންގެ އެސޯސިއޭޝަން (އޭސީއޭއެންޔޫ) ގެ މީޑިއާ ބްރީފިންގެއްގައި ސުވާލަކަށް ޖަވާބު ދެއްވަމުން ސަފީރު ވިދާޅުވީ އެމެރިކާގެ އިސްވެރިންގެ، ޚާއްސަކޮށް ރައީސްގެ ބަސްފުޅުތައްމޮނިޓަރ ކުރަމުން ގެންދާކަމަށެވެ. އަދި އެއީ ޒިންމާދާރުކަން ކުޑަ ވާހަކަތަކެއް ކަމަށް ފާހަގަކުރެއްވިއެވެ.
"ރަތް ރޮނގެއް އެބައޮތް، އެ ރޮނގު ހުރަސްކޮށްފިނަމަ، ޖަވާބު ލިބޭނެ." ސަފީރު ވިދާޅުވިއެވެ.
އަދި މިފަދަ ހަނގުރާމަވެރި ޖަވާބެއް ދިނުމުގެ ނިންމުން ނިންމާނީ އީރާނުގެ ކަމާބެހޭ ފަރާތްތަކުން ކަމަށާއި، އޭގެ ތެރޭގައި އެ ގައުމުގެ ސިފައިން ހިމެނޭ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
އިޒްރޭލަށް އެމެރިކާގެ އެހީތެރިކަމާ ބެހޭ ގޮތުން ވާހަކަފުޅު ދައްކަވަމުން ސަފީރު ވިދާޅުވީ އެމެރިކާ އާއި ނުލައި އިޒްރޭލަކީ އެއްޗެއް ނޫން ކަމަށެވެ. އަދި އިޒްރޭލުން ކުރާ ކޮންމެ ކަމެއްވެސް ކުރަނީ އެމެރިކާގެ އަސްކަރީ އަދި އިންޓެލިޖެންސް އެހީތެރިކަމާ އެކުކަމަށް ވިދާޅުވިއެވެ. އަދި އީރާނަށް ދެކޮޅަށް ދެވޭ ހަމަލާތަކުގައި އެމެރިކާގެ ސީދާ ބައިވެރިވުން އޮތްކަން ސާބިތުވެއްޖެނަމަ، އެމެރިކާއަށް ޖަވާބުދޭން ފަށާނެކަމުގެ އިންޒާރު ދެއްވިއެވެ.
ހޯމުޒް ހަނިކަނޑު ބަންދުކުރުމާ ބެހޭ ގޮތުން ކުރެވުނު ސުވާލަކަށް ޖަވާބު ދެއްވަމުން ސަފީރު ވިދާޅުވީ އީރާނުން ރަސްމީކޮށް އެފަދަ ކަމެއް ކުރާނެ ކަމަކަށް ވާހަކައެއް ނުދައްކާ ކަމަށެވެ.
"އެއީ ސުލްހައިގެ ހަނިކަނޑެއް… އަދި އެތަން ބޭނުންކުރެވެންވާނީ އެންމެންނަށް، ދަތުރުފަތުރަށް، އަދި ހުރިހާ ގައުމުތަކަށް" ސަފީރު ވިދާޅުވިއެވެ.
ފާއިތުވި ހަފްތާގައި އިޒްރޭލުން އީރާނަށް ދިން ހަމަލާތަކުގައި މިހާތަނަށް 585 މީހުން ޝަހީދުވެ، 1،326 މީހުން ޒަޚަމްވެފައިވާ ކަމަށް އީރާނުގެ މީޑިއާތަކުން ރިޕޯޓުކޮށްފައިވެއެވެ. މި ހަމަލާތަކަށް ޖަވާބެއްގެ ގޮތުން އީރާނުން އިޒްރޭލަށް ދިން ހަމަލާތަކުގައި 24 މީހުން މަރުވެ، 500 އަށްވުރެ ގިނަ މީހުން ޒަޚަމްވެފައިވާ ކަމަށް ރިޕޯޓުތަކުގައި ބުނެއެވެ.


