އިސްރާއީލްގެ ނިއުކްލިއަރ ވަސީލަތްތަކާއި މަޝްރޫއުތަކާ ގުޅޭ ސިއްރު ލިޔެކިޔުންތަކެއް ލިބިފައިވާ ކަމަށް އިރާނުން ހާމަކޮށްފިއެވެ.
އިރާނުގެ ސުޕްރީމް ނެޝަނަލް ސެކިއުރިޓީ ކައުންސިލުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، އިސްރާއީލްގެ ނިއުކްލިއަރ މަޝްރޫއުތަކާއި ވަސީލަތްތަކާ ގުޅޭ ހާހުން ގިނަ ސިއްރު ލިޔެކިޔުން ހިމެނޭ ގޮތަށް، ގިނަ އަދަދެއްގެ މުހިންމު މައުލޫމާތު އިރާނުގެ އިންޓެލިޖެންސް އޭޖެންސީތަކަށް ލިބިފައިވާ ކަމަށެވެ.
މިކަން ހާމަކުރަމުން ޓެހެރާނުން ވަނީ އިރާނުގެ ނިއުކްލިއަރ ވަސީލަތްތަކަށް ހަމަލާއެއް ދީފިނަމަ، އިސްރާއީލްގެ ނިއުކްލިއަރ ވަސީލަތްތަކަށާއި އިޤްތިޞާދީ އަދި އަސްކަރީ ވަސީލަތްތަކަށް ހަމަލާ ދިނުމަށް މި ލިޔެކިޔުންތަކުން މަގުފަހިވާނެ ކަމަށް ބުނެފައެވެ.
މިއީ"އިންޓެލިޖެންސް ދާއިރާއިން ލިބުނު ބޮޑު ކާމިޔާބީއެއް" ބަޔާނުގައި ބުނެފައިވެއެވެ.
އިރާނުގެ އިންޓެލިޖެންސް މިނިސްޓަރު އިސްމާއީލް ހަތީބް ވިދާޅުވި ގޮތުގައި، މި ލިޔެކިޔުންތަކުގައި އިސްރާއީލްގެ ނިއުކްލިއަރ ޕްރޮގްރާމާއި، އެމެރިކާ އާއި ޔޫރަޕުގެ ގައުމުތަކާއި އެހެނިހެން ބައިނަލްއަޤްވާމީ ފަރާތްތަކާ އެކު އޮތް ގުޅުންތަކާ ބެހޭ މުހިންމު މައުލޫމާތު ހިމެނެއެވެ.
އިންޓަނޭޝަނަލް އެޓޮމިކް އެނާރޖީ އޭޖެންސީގެ ޑިރެކްޓަރ ޖެނެރަލް ރަފައެލް ގްރޮސީ ވިދާޅުވެފައިވަނީ، އޭޖެންސީގެ ބައެއް ސިއްރު ލިޔެކިޔުންތައް އިރާނުގެ އަތްމައްޗަށް ގޮސްފައިވާކަން ސާބިތުވާ ހެކި ލިބިފައިވާ ކަމަށެވެ.


