ނިއުކްލިއަރ ހަތިޔާރު ގެންގުޅޭ އަވައްޓެރި ދެ ގައުމު ކަމަށްވާ އިންޑިއާ އާއި ޕާކިސްތާނުން ހަތަރު ދުވަހުގެ ހަނގުރާމައަށްފަހު އެމެރިކާގެ ބާރުއެޅުމުގެ ދަށުން ހޮނިހިރު ދުވަހު ހަނގުރާމަ ހުއްޓާލުމަށް އެއްބަސްވެފައިވީ ނަމަވެސް، މަދު ގަޑިއިރުތަކެއްގެ ތެރޭގައި ބޯޑަރު ސަރަހައްދުގެ ސިޓީތަކާއި ރަށްތަކުން ގޮވުންތަކުގެ އަޑު އިވި، އިންޑިއާއިން ވަނީ ޕާކިސްތާނުން އެއްބަސްވުމާ ޚިލާފުވެފައިވާ ކަމަށް ތުހުމަތުކޮށްފައެވެ.
ގިނަ ހަނގުރާމަތައް ހިނގަމުންދާ ޖައްމޫ އަދި ކަޝްމީރުގައި އާޓިލަރީ ފަޔަރ އާއި އެޓޭކް ޑްރޯންތައް ބޭނުންކުރަމުންދާކަން ފާހަގަކުރެވިފައިވެއެވެ. އަދި ކުރީ ދުވަހުގެ ރޭ ފަދައިން، ބްލެކްއައުޓް ކުރެވިފައިވާ ސިޓީތަކުގައި އެއަރ-ޑިފެންސް ސިސްޓަމްތަކުގެ އަޑުގަދަ ގޮވުންތައް އިވިފައިވާކަން އޮތޯރިޓީތަކާއި، ރައްޔިތުން އަދި ރޮއިޓަރސްގެ ހެކިންވެސް ވަނީ ފާހަގަކޮށްފައެވެ.
އިންޑިއާގެ ފޮރިން ސެކްރެޓަރީ ވިކްރަމް މިސްރީ ނޫސްވެރިންނަށް މައުލޫމާތު ދެމުން ބުނެފައިވަނީ، ދެ ގައުމުން އެއްބަސްވި އެއްބަސްވުމާ ޕާކިސްތާނުން ޚިލާފުވެފައިވާ ކަމަށާއި، މިފަދަ ކަމެއް ތަކުރާރުވެއްޖެނަމަ "ހަރުކަށި ގޮތެއްގައި" ކުރިމަތިލުމަށް އިންޑިއާގެ ހަތިޔާރުވެރި ބާރުތަކަށް އިރުޝާދު ދެވިފައިވާ ކަމަށެވެ.
މިކަމާ ގުޅިގެން ޕާކިސްތާނުގެ ފޮރިން މިނިސްޓްރީން ބުނެފައިވަނީ، އެ ގައުމުން ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމަށް ފުރިހަމައަށް ތަބާވާނެ ކަމަށާއި، އެއްބަސްވުމާ ޚިލާފުވެފައިވަނީ އިންޑިއާއިން ކަމަށެވެ. އަދި އެމީހުންގެ ބާރުތަކުން މި ހާލަތާ ކުރިމަތިލަނީ "ޒިންމާދާރުކަމާއި ހިތްހަމަޖެހުމާއެކު" ކަމަށް ބުނެފައިވެއެވެ.
މިއީ ފާއިތުވި 30 އަހަރެއްހާ ދުވަހުގެ ތެރޭގައި މި ދެ ދެކުނު އޭޝިއާގެ އަދާވާތްތެރި ގައުމުގެ މެދުގައި ހިނގި އެންމެ ނުރައްކާތެރި ހަނގުރާމައެވެ. އަދި ދުނިޔޭގެ އެންމެ ނާޒުކު އަދި އާބާދީ ބޮޑު ސަރަހައްދުތަކުގެ ތެރެއިން އެއް ސަރަހައްދުގައި ފުޅާ ދާއިރާއެއްގައި ހަނގުރާމައެއް ފެށިދާނެކަމުގެ ބިރުވެރިކަން އޮތެވެ. ޕާކިސްތާނުގެ ނިއުކްލިއަރ ހަތިޔާރުތައް ބަލަހައްޓާ އިސް ފަރާތްތައް ބައްދަލުވުމެއް ބާއްވާނެ ކަމަށް އެ ގައުމުގެ މިލިޓަރީން ބުނުމާއެކު، ކުޑަ ވަގުތުކޮޅަކަށް ނިއުކްލިއަރ ހަތިޔާރު ބޭނުންކުރެވިދާނެކަމުގެ ބިރުވެރިކަންވެސް އުފެދުނެވެ.


