ޕާކިސްތާނުން އިންޑިއާގެ އަސްކަރީ ތަންތަނަށް ދިން ހަމަލާތަކަށް ޖަވާބު ދިނުމުގެ ގޮތުން، ޕާކިސްތާނުގެ އެއަރ ޑިފެންސް ރާޑަރ ސިސްޓަމްތަކަށް ހަމަލާ ދީފައިވާކަމަށް އިންޑިއާގެ އަސްކަރިއްޔާއިން މިއަދު ހާމަކޮށްފިއެވެ.
އިންޑިއާގެ ދިފާއީ ވުޒާރާއިން ބުނާ ގޮތުގައި، މިދިޔަ ރޭ ޕާކިސްތާނުން ވަނީ އިންޑިއާގެ އުތުރާއި ހުޅަނގު ސަރަހައްދުގެ އެކި ހިސާބުތަކުގައި ހުރި އަސްކަރީ ތަންތަނަށް ޑްރޯން އާއި މިސައިލް މެދުވެރިކޮށް ހަމަލާ ދީފައެވެ. މީގެ ތެރޭގައި އަވަންތިޕުރާ، ސްރީނަގަރު، ޖައްމޫ، ޕަތަންކޯޓް، އަމްރިތްސަރު، ކަޕޫރްތަލާ، ޖަލަންދަރު، ލުދިއާނާ، އަދަމްޕުރު، ބަތިންދާ، ޗަންދީގަރު، ނާލް، ފަލޯދީ، އުއްތަރްލައި އަދި ބުޖް ހިމެނެއެވެ.
އިންޑިއާގެ އިންޓެގްރޭޓެޑް ކައުންޓަރ ޔޫއޭއެސް ގްރިޑް އަދި އެއަރ ޑިފެންސް ސިސްޓަމްތަކުން މި ހަމަލާތައް ވަނީ ނައްތާލާފައެވެ. އަދި މި ހަމަލާތަކުގެ ހެކިތައް މިހާރު ވަނީ އެކި ސަރަހައްދުތަކުން ފެނިފައެވެ.
މީގެ އިތުރުން، ޕާކިސްތާނުން ވަނީ ލައިން އޮފް ކޮންޓްރޯލް މެދުވެރިކޮށް ކުޕްވާރާ، ބަރަމުއްލާ، އުރީ، ޕޫންޗް، މެންދަރު އަދި ރަޖޯރީ ސެކްޓަރުތަކަށް މޯޓަރ އަދި ބޮޑެތި ކެލިބަރުގެ އާޓިލަރީ ބޭނުންކޮށްގެން ހަމަލާ ދީފައެވެ. މި ހަމަލާތަކުގައި 16 އާންމު ރައްޔިތުން، އޭގެ ތެރޭގައި 3 އަންހެނުންނާއި 5 ކުޑަކުދިން މަރުވެފަވެއެވެ.
އިންޑިއާގެ އަސްކަރިއްޔާއިން ބުނާ ގޮތުގައި، ޕާކިސްތާނުގެ އަސްކަރިއްޔާއިން އިޙްތިރާމް ކުރާހާ ހިނދަކު، އިންޑިއާއިން މައްސަލަ އިތުރަށް ގޯސްވިޔަ ނުދިނުމަށް މަސައްކަތް ކުރާނެއެވެ. އަދި ލާހޫރުގައި ހުރި އެއަރ ޑިފެންސް ސިސްޓަމެއް ވަނީ ނައްތާލެވިފައިވާ ކަމަށް އިތުބާރުހުރި މަޢުލޫމާތު ލިބިފައިވާ ކަމަށްވެސް އިންޑިއާގެ އަސްކަރިއްޔާއިން ބުނެފައިވެއެވެ.


