އޭޕްރިލް 22 ވަނަ ދުވަހު ޕަހަލްގާމްގައި ހިނގި ޓެރަރިސްޓް ހަމަލާއާ ގުޅިގެން އިންޑިއާއިން ކުރިއަށް ގެންދިޔަ އޮޕަރޭޝަން ސިންދޫރުގެ މީޑިއާ ބްރީފިންގ ދިނުމަށް ތާރީހުގައިވެސް އަލަށް ދެ އަންހެން އޮފިސަރުން ކުރިއަށް ނެރެފިއެވެ. މި ބްރީފިންގގައި ފޮރިން ސެކްރެޓަރީ ވިކްރަމް މިސްރީ، ވިންގ ކޮމާންޑަރ ވިޔޯމިކާ ސިންގ އަދި ކާނަލް ސޯފިއާ ޤުރައިޝީ ބައިވެރިވެ ވަޑައިގެންނެވިއެވެ.
ޕަހަލްގާމްގެ ހަމަލާގައި 26 މީހުން ވަނީ މަރުވެފައެވެ. މި ހަމަލާގައި އަމާޒުކޮށްފައިވަނީ ހިންދޫ ފިރިހެނުންނަށެވެ. އޭގެ ތެރޭގައި އަލަށް ކައިވެނިކުރި ފިރިހެނުންވެސް ހިމެނެއެވެ. ސިންދޫރު އަކީ ހިންދޫ ކައިވެނިކޮށްގެން ތިބޭ އަންހެނުން ބޭނުންކުރާ ރަތް ކުލައިގެ ޕައުޑަރެކެވެ.
ކާނަލް ސޯފިއާ ޤުރައިޝީ އާއި ވިޔޯމިކާ ސިންގގެ ޚިދުމަތް
އިންޑިއަން އާމީގެ ކޯޕްސް އޮފް ސިގްނަލްސްގެ އޮފިސަރެއް ކަމުގައިވާ ކާނަލް ސޯފިއާ ޤުރައިޝީ އަކީ އާމީގެ ތާރީޚުގައި ފާހަގަކޮށްލެވޭ އެތައް ކާމިޔާބީތަކެއް ހޯއްދަވާފައިވާ އޮފިސަރެކެވެ. 35 އަހަރުގެ އުމުރުގައި، އޭނާ ވަނީ ގިނަ ބަޔަކަށް މިސާލަކަށްވެ، ކުރިއަށް ނެރެވިފައެވެ. އޭނާއަކީ ބައިނަލްއަޤްވާމީ މިލިޓަރީ މަޝްޤެއްގައި އާމީ ކޮންޓިންޖެންޓެއް ލީޑްކުރި ފުރަތަމަ އަންހެން އޮފިސަރެވެ.
ޤުރައިޝީގެ އާއިލާގައިވެސް މިލިޓަރީ ޚިދުމަތް އޮތް ކަން ފާހަގަކޮށްލެވެއެވެ.
ވިންގް ކޮމާންޑަރ ވިޔޯމިކާ ސިންގްގެ އެއަރ ފޯސްއަށް ދަތުރު ފެށުނީ އޭނާ ކުޑައިރު ދެކުނު ހުވަފެނަކުންނެވެ. ސްކޫލްގައި އުޅުނު ދުވަސްވަރުން ފެށިގެން، އޭނާ ބޭނުންވީ މަތިންދާބޯޓު ދުއްވާށެވެ.
އޭނާ އޭނާގެ ލަނޑުދަނޑި ހާސިލްކުރުމަށް ނޭޝަނަލް ކެޑެޓް ކޯޕްސް (އެންސީސީ) އާ ގުޅި، އޭގެ ފަހުން އިންޖިނިއަރިންގ ފުރިހަމަކުރިއެވެ. އޭނާގެ އާއިލާއިން ހަތިޔާރުއެޅި ބާރުތަކާ ގުޅުނު ފުރަތަމަ މީހާއަށް ވެގެންދިޔައެވެ. އޭނާ އިންޑިއަން އެއަރ ފޯސްގައި ހެލިކޮޕްޓަރ ޕައިލެޓެއްގެ ގޮތުގައި ކޮމިޝަން ކުރެވި، 18 ޑިސެމްބަރ 2019 ގައި ފްލައިންގ ބްރާންޗްގައި ދާއިމީ ކޮމިޝަނެއް ލިބުނެވެ.
ވިންގް ކޮމާންޑަރ ސިންގް ވަނީ 2،500 ގަޑިއިރަށްވުރެ ގިނަ ވަގުތު ދުއްވާފައެވެ. އޭނާ ވަނީ ޖައްމޫ އަދި ކަޝްމީރު އަދި އިރުމަތީ އުތުރު ސަރަހައްދު ފަދަ އެންމެ ދަތި ސަރަހައްދުތަކުގައި ޗެޓަކް އަދި ޗީޓާ ފަދަ ހެލިކޮޕްޓަރުތައް ދުއްވާފައެވެ.
އޮޕަރޭޝަން ސިންދޫރު
އިންޑިއާގެ ތިން ބާރު – އާމީ، ނޭވީ އަދި އެއަރ ފޯސް – ގުޅިގެން ކުރިއަށް ގެންދިޔަ މި އޮޕަރޭޝަންގައި ޕާކިސްތާނާއި ޕީއޯކޭގައި ހުރި ޓެރަރިސްޓް މަރުކަޒުތަކަށް ހަމަލާދީފައިވެއެވެ. މި އޮޕަރޭޝަންގައި 9 ސަރަޙައްދަކަށް އަމާޒުކޮށްފައިވެއެވެ. އޭގެ ތެރެއިން އެންމެ ބޮޑު ދެ ހަމަލާ އަމާޒުކުރެވުނީ ޖެއިޝް-އެ-މުހައްމަދުގެ މައި މަރުކަޒު ހުންނަ ބަހަވަލްޕޫރު އަދި މުރީދްކޭއަށެވެ.


