އިއްޔެ އިސްރާއީލުން ޤާނޫނާ ޙިލާފަށް ވެރިވެގަނެގެން އުޅުނު ބަޔަކު ވެސްޓް ބޭންކުގެ ދެކުނު ސަރަހައްދުގައި ހުރި ފަލަސްތީނު ސްކޫލަކަށް ހަމަލާދީ، ސްކޫލަށް ބޮޑެތި ގެއްލުންތަކެއް ދީފިއެވެ. މި ހަމަލާގައި ހެބްރޯން ސިޓީގެ ދެކުނުގައި ހުންނަ އަލް-ދަހިރިއްޔާގެ އިރުމަތީގައި ހުންނަ ޒަނުތާ ސްކޫލުގެ ތަކެތި ވަގަށް ނަގާފައިވާ ކަމަށް ސަރަހައްދުގެ އިސް އޮފިޝަލެއް ވަނީ މަުއލޫމާތު ދީފައެވެ.
މުނިސިޕަލް ވެރިޔާ ފައިޒް އަލް-ތަލް ވިދާޅުވި ގޮތުގައި، ދަރިވަރުން ކިޔެވުމަށް ތައްޔާރުވުމުގެ ގޮތުން ރަށުގެ ރައްޔިތުން ވަނީ ސްކޫލު އާބާތުރަ ފިލުވާފައެވެ. "ކުރިންވެސް ޤާނޫނާ ޙިލާފަށް ވެރިވެގަނެގެން އުޅޭ މީހުން ވަނީ ސްކޫލަށް ތަކުރާރުކޮށް ހަމަލާދީ، ހަލާކުކޮށް، އަދި ރަށުގެ ރައްޔިތުންނަށް އަނިޔާކޮށް، އެމީހުންގެ ގެތަކަށް ހަމަލާދީފައި،" އޭނާ ވިދާޅުވިއެވެ.
ފަލަސްތީނުގެ ތައުލީމީ ވުޒާރާގެ ތަރުޖަމާނު ސާދިޤް އަލް-ކަދޫރު މި ހަމަލާ ކުށްވެރިކުރައްވަމުން ވިދާޅުވީ މިއީ ފަލަސްތީނުން އެމީހުންގެ ރަށްރަށުން މަޖުބޫރުން ނެރުމަށް ކުރެވޭ އައު މަސައްކަތެއް ކަމަށެވެ. އަނަދޫލު އެޖެންސީއަށް ދެއްވި ބަޔާނެއްގައި އޭނާ ވިދާޅުވި ގޮތުގައި، މި ސްކޫލުން ސަރަހައްދުގެ އެކަހެރި ރަށްރަށުގެ 40 ކުދިންނަށް ތައުލީމު ފޯރުކޮށްދެއެވެ.
2023 ވަނަ އަހަރުގެ ނޮވެމްބަރު މަހު، ޤާނޫނާ ޙިލާފަށް ވެރިވެގަނެގެން އުޅޭ މީހުން ވަނީ ޒަނުތާ ސްކޫލު ތަޅާލާފައެވެ. މިކަން ކޮށްފައިވަނީ އޮކްޓޯބަރު މަހުގެ ފަހުކޮޅު 250 އަށްވުރެ ގިނަ ރައްޔިތުން ރަށުން ބޭރުކުރުމަށްފަހުގައެވެ. 9 މަސް ދުވަހުގެ މަޖުބޫރު ބަދަލުވުމަކަށްފަހު، 2024 ވަނަ އަހަރުގެ އޯގަސްޓް މަހު އިސްރާއީލީ ކޯޓަކުން ނެރުނު އަމުރަކާ ގުޅިގެން ރައްޔިތުންނަށް ވަނީ އެނބުރި އެމީހުންގެ ގެތަކަށް ދެވިފައެވެ.
2023 ވަނަ އަހަރުގެ އޮކްޓޯބަރު މަހުން ފެށިގެން ޣައްޒާގެ ހަނގުރާމަ ފެށުނު ފަހުން، އިސްރާއީލީ ސިފައިންނާއި ޤާނޫނާ ޙިލާފަށް ވެރިވެގަނެގެން އުޅޭ މީހުންގެ ހަމަލާތަކުގައި ވެސްޓް ބޭންކުގައި 960 އަށްވުރެ ގިނަ ފަލަސްތީނުން ޝަހީދުވެ، 7،000 އަށްވުރެ ގިނަ މީހުންނަށް ވަނީ އަނިޔާވެފައެވެ. އަދި ފާއިތުވި ޖުލައި މަހު، ބައިނަލްއަޤްވާމީ ޢަދުލު ކޯޓުން ވަނީ އިސްރާއީލުން ފަލަސްތީނުގެ ބިންތައް އެތައް އަހަރެއް ވަންދެން ހިފަހައްޓާފައި ބޭއްވުމަކީ ޣައިރު ޤާނޫނީ ކަމެއްކަމަށް ކަނޑައަޅައި، ވެސްޓް ބޭންކާއި އިރުމަތީ ޖެރޫސަލަމްގެ ހުރިހާ ޤާނޫނާ ޙިލާފަށް ވެރިވެގަނެގެން އުޅޭ މީހުން ނެރުމަށް އަމުރުކޮށްފައެވެ.


