ޓެރަރިޒަމާ ދެކޮޅަށް ހަނގުރާމަކުރުމުގައި އިންޑިއާ ދެމިހުންނާނެ ކަމަށާއި، ޓެރަރިޒަމްގެ ޢަމަލުތަކަށް ޙައްޤު އަދަބު ދެވޭނެ ކަމަށް އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ ވިދާޅުވެއްޖެއެވެ.
ބޮޑު ވަޒީރު މިހެން ވިދާޅުވެފައި މިވަނީ ޖައްމޫ އަދި ކަޝްމީރުގެ ޕަހަލްގާމްގައި ހިނގި ނުރައްކާތެރި ނިރުބަވެރި ހަމަލާގައި 26 މީހުން މަރުވުމާއި ގުޅިގެންނެވެ.
"އިންޑިޔާއިން ކޮންމެ ޓެރަރިސްޓަކާއި އެ ޓެރަރިސްޓަކަށް ތާއީދުކުރާ މީހުން ދެނެގަނެ، ޓްރެކްކޮށް، އަދަބު ދޭނެ. އެމީހުން ހޯދަން ދުނިޔޭގެ އެންމެކޮޅާ ހަމައަށް ބަލާނަން،" ބޮޑުވަޒީރު މޯދީ ވިދާޅުވިއެވެ.
އިންސާފު ހޯދައިދިނުމަށް ކުރެވެންހުރި ހުރިހާ މަސައްކަތެއް ކުރާނެ ކަމަށް ބޮޑުވަޒީރު އިތުރަށް ވިދާޅުވިއެވެ. އަދި މި މަސައްކަތުގައި މުޅި ޤައުމު އޮތީ ވަރުގަދަ އަޒުމެއްގައި ކަމަށްވެސް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
"އިންސާނިއްޔަތު ގަބޫލުކުރާ އެންމެންވެސް ތިބީ އަހަރެމެންނާއެކު،" ބޮޑުވަޒީރު މޯދީ ވިދާޅުވިއެވެ.
ޓެރަރިޒަމާ ދެކޮޅަށް ހަނގުރާމަކުރުމުގައި އިންޑިއާގެ ސަރުކާރުން ގެންގުޅުއްވާ ހަރުދަނާ ސިޔާސަތުތަކުގެ ދަށުން، އެފަދަ ޢަމަލުތައް ހުއްޓުވުމަށް އެޤައުމުން ދަނީ ގިނަގުނަ މަސައްކަތްތަކެއް ކުރަމުންނެވެ.


