Tuesday, 28 July 2026

އިންޑިއާއިން ޕާކިސްތާނު ރައްޔިތުންނަށް ވިސާ ދޫކުރުން ވަގުތީގޮތުން މެދުކަނޑާލައިފި

ޕަހަލްގާމްގައި ދިން ނިރުބަވެރި ހަމަލާއާ ގުޅިގެން އިންޑިއާއިން ޕާކިސްތާނު ރައްޔިތުންނަށް ވިސާ ދޫކުރުން ވަގުތީގޮތުން މެދުކަނޑާލައިފިއެވެ. މި ނިންމުން އިޢުލާންކޮށްފައިވަނީ އިންޑިއާގެ ހާރިޖީ ވުޒާރާއިންނެވެ.

ޖައްމޫ އަދި ކަޝްމީރުގެ ޕަހަލްގާމްގައި ހިނގި މި ނިރުބަވެރި ހަމަލާގައި 26 މީހުން މަރުވެފައިވާއިރު، މި ހަމަލާގެ ޒިންމާ މިހާތަނަށް އެއްވެސް ފަރާތަކުން ނަގާފައެއް ނުވެއެވެ. އިންޑިއާގެ ފަރާތުން ފާހަގަކުރާ ގޮތުގައި މި ހަމަލާ ދީފައިވަނީ، އެ ސަރަހައްދުގައި ލޯކް ސަބާ އަދި އެސެމްބްލީ އިންތިޚާބުތައް ކާމިޔާބުކަމާއެކު ބޭއްވި، އިޤްތިޞާދީ ގޮތުން ކުރިއެރުންތަކެއް ހޯދަމުންދިޔަ ދަނޑިވަޅެއްގައެވެ.

މި ހަމަލާއާ ގުޅިގެން ދެ ގައުމުގެ ގުޅުން އިތުރަށް ގޯސްވެފައިވާއިރު، މީގެ ކުރިން ވެސް ސައުތު އޭޝިއަން އެސޯސިއޭޝަން ފޯ ރީޖަނަލް ކޯޕަރޭޝަން (ސާކް) ފްރޭމްވޯކްގެ ދަށުން ޕާކިސްތާނު ރައްޔިތުންނަށް ދެމުން އައި ވިސާގެ ޚިދުމަތް ވަނީ މެދުކަނޑާލާފައެވެ.

ފަތުރުވެރިންގެ މެދުގައި ވަރަށް މަޤްބޫލު ސަރަހައްދެއްގެ ގޮތުގައި ފާހަގަކުރެވޭ ޖައްމޫ އަދި ކަޝްމީރުގައި ހިނގި މި ހާދިސާއާ ގުޅިގެން އެ ސަރަހައްދުގެ ސަލާމަތީ ފިޔަވަޅުތައް ވަނީ ވަރުގަދަ ކޮށްފައެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *