އިސްރާއީލުގެ 19 މަސްދުވަހުގެ ހަނގުރާމައިގެ ސަބަބުން އުފެދިފައިވާ އިންސާނީ ހާލަތުގެ ތެރޭގައި، މިވަގުތު ޣައްޒާގައި ޔޫއެން ހިންގާ 115 މަރުކަޒެއްގައި 90،000 އަށްވުރެ ގިނަ ފަލަސްތީނު ރައްޔިތުން ވަނީ ހިމާޔަތް ހޯދާފައިވާކަމަށް ފަލަސްތީނު ރެފިއުޖީންނަށް އެހީތެރިވާ ޔޫއެން އޭޖެންސީ (އަންރުވާ) އިން ބުނެފިއެވެ.
އަންރުވާއިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ބޮންއެޅުމާއި، އިންސާނީ އަދި ވިޔަފާރީގެ ތަކެތި ވެއްދުން ހުއްޓުވާލުމުގެ ސަބަބުން މިހާރުވެސް ދަތި ހާލަތު އިތުރަށް ގޯސްވަމުންދާ ކަމަށެވެ.
2025 މާރިޗު 2 އިން ފެށިގެން އިސްރާއީލުން ވަނީ ޣައްޒާގެ ހުރިހާ ބޯޑަރެއް ބަންދުކޮށްފައެވެ. މީގެ ސަބަބުން ކާބޯތަކެއްޗާއި، ބޭސްފަރުވާއަށް ބޭނުންވާ ތަކެއްޗާއި އަދި އެހެނިހެން އެހީގެ ތަކެތި ވެއްދުން ވަނީ ހުއްޓިފައެވެ. މިކަމުގެ ސަބަބުން ކުރިން ވެސް ދަތި އިންސާނީ ހާލަތު އިތުރަށް ގޯސްވެފައިވާކަމަށް ބައިނަލްއަޤްވާމީ ޖަމިއްޔާތަކާއި އިންސާނީ ހައްޤުތަކުގެ ޖަމާއަތްތަކުން ވަނީ ރިޕޯޓުކޮށްފައެވެ.
މާރިޗު މަހު ހަނގުރާމަ އަލުން ފެށުމާއެކު، އިތުރު 420،000 މީހުން ވަނީ ނިކުމެ ދާންޖެހިފައިވާކަމަށް ޔޫއެން އިން ވަނީ ލަފާކޮށްފައެވެ. އަދި މާރިޗު 18 އިން ފެށިގެން އިސްރާއީލުގެ ހަމަލާތަކުގައި 1،827 މީހުން މަރުވެފައިވާކަމަށް ވެސް ވަނީ ރިޕޯޓުކޮށްފައެވެ.
2023 އޮކްޓޯބަރުން ފެށިގެން އިސްރާއީލުގެ އަނިޔާވެރި ހަމަލާތަކުގައި 51،200 އަށްވުރެ ގިނަ ފަލަސްތީނު ރައްޔިތުން ވަނީ މަރުވެފައެވެ. މީގެ ތެރެއިން ގިނައީ އަންހެނުންނާއި ކުޑަކުދިންނެވެ.
މި ހަނގުރާމައާ ގުޅިގެން އިސްރާއީލުގެ ބޮޑުވަޒީރު ބެންޖަމިން ނެތަންޔާހޫ އާއި ކުރީގެ ދިފާއީ ވަޒީރު ޔޯވް ގަލަންޓްގެ މައްޗަށް ހަނގުރާމައިގެ ކުށްތަކާއި އިންސާނިއްޔަތާ ދެކޮޅު ކުށްތަކުގެ ތުހުމަތުގައި އިންޓަނޭޝަނަލް ކްރިމިނަލް ކޯޓުން ވަނީ އެރެސްޓް ވޮރަންޓް ނެރެފައެވެ


