ސަޢޫދީ ޢަރަބިއްޔާގެ ރައްޔިތުންނަށް ޕާކިސްތާނަށް ޒިޔާރަތްކުރުމަށް ވިސާ ނަގަން ނުޖެހޭނެގޮތަށް ހަދައިފިއެވެ. މިއީ ދެ ގައުމުގެ ގުޅުން ބަދަހިކުރުމަށް އެޅުނު މުހިންމު ފިޔަވަޅެކެވެ.
ޕާކިސްތާނުގެ އިންޓީރިއަރ މިނިސްޓަރ މުހްސިން ނަގްވީ މި ނިންމުން އިއުލާނުކުރެއްވީ، އިސްލާމާބާދުގައި ޕާކިސްތާނަށް ކަނޑައަޅުއްވާފައި ހުންނަވާ ސަޢޫދީ ސަފީރު ނަވާފް ބިން ސަޢީދު އަހްމަދު އަލް-މަލްކީއާ އެކު ބޭއްވި ބައްދަލުވުމަކަށް ފަހުގައެވެ. ނަމަވެސް، ރަސްމީ ބޭނުންތަކުގައި ޒިޔާރަތްކުރާ ފަރާތްތަކުން ވިސާ ނަގަންޖެހޭނެ ކަމަށް ފޮރިން މިނިސްޓްރީގެ ފަރާތުން ހާމަކުރިއެވެ.
މި ބައްދަލުވުމުގައި، މަސްތުވާތަކެތީގެ މައްސަލައެއްގައި ހައްޔަރުކުރެވިފައިވާ ފަސް ޕާކިސްތާނު ރައްޔިތުން ދޫކޮށްލުމުގައި ސަޢޫދީ ސަރުކާރުން ދެއްވި އެހީތެރިކަމަށް މިނިސްޓަރ ނަގްވީ ޝުކުރު އަދާކުރެއްވިއެވެ. އަދި ސަޢޫދީ ސަފީރު ވަނީ އެކި ދާއިރާތަކުން ޕާކިސްތާނާއެކު އޮންނަ ގުޅުން އިތުރަށް ވަރުގަދަކުރުމަށް ސަޢޫދީ ސަރުކާރުން ގެންގުޅުއްވާ އަޒުމު ފާޅުކުރައްވާފައެވެ.
ސަޢޫދީ ޢަރަބިއްޔާއަކީ ޕާކިސްތާނުގެ އެންމެ މުހިންމު އިގްތިސާދީ ބައިވެރިންގެ ތެރެއިން އެއް ބައިވެރިއެވެ. ކޮންމެ އަހަރަކު 1.9 މިލިއަން ޕާކިސްތާނު ރައްޔިތުން ސަޢޫދީ ޢަރަބިއްޔާގައި މަސައްކަތްކުރެއެވެ. އަދި އެ ގައުމުން ޕާކިސްތާނަށް އަހަރަކު 4.5 ބިލިއަން ޑޮލަރަށްވުރެ ގިނަ ފައިސާ ރެމިޓެންސްގެ ގޮތުގައި ފޮނުވެއެވެ.


