Tuesday, 28 July 2026

ޔަމަނަށް އެމެރިކާއިން ދިން ވައިގެ ހަމަލާއަކީ ހަނގުރާމައިގެ ކުށެއް ކަމަށް ހަމާސްއިން ބުނެފި

ޔަމަނުގެ އަލް-ހުދައިދާ ސަރަހައްދުގައި ހުންނަ ރަސް އީސާ ތެޔޮ ބަނދަރަށް އެމެރިކާއިން ދިން ވައިގެ ހަމަލާގައި 38 ޔަމަނު ރައްޔިތުން ޝަހީދުވެ، އެތައް ބަޔަކު ޒަހަމްވެފައިވާ ކަމަށް ބުނެ، މި ހަމަލާއަކީ ހަނގުރާމައިގެ ކުށެއް ކަމަށާއި ޔަމަނުގެ މިނިވަންކަމަށް އަރައިގަތުމެއް ކަމަށް ހަމާސްއިން ބުނެފިއެވެ.

ހުކުރު ދުވަހު ހަމާސްއިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، ޔަމަނުގެ އަލް-ހުދައިދާ ސަރަހައްދުގައި ހުންނަ ރަސް އީސާ ތެޔޮ ބަނދަރަށް އެމެރިކާއިން ދިން އަނިޔާވެރި ހަމަލާގައި އެތައް މަދަނީ ރައްޔިތުންނެއް، އޭގެ ތެރޭގައި ސިއްހީ އެހީތެރިންނާއި ބަނދަރުގެ މުވައްޒަފުން ޝަހީދުވެ، ޒަހަމްވެފައިވާތީ މިކަން ވަރަށް ހަރުކަށި އިބާރާތުން ކުށްވެރިކުރާ ކަމަށެވެ.

މި ހަމަލާއަކީ ސަރަހައްދުގެ މިނިވަން ރައްޔިތުންނަށް އަމާޒުކޮށް، ޒައިއޮނިސްޓް އަދި އެމެރިކާގެ ބާރުވެރިކަމާ ދެކޮޅު ފަރާތްތަކަށް ދެމުންދާ އަނިޔާވެރި ސިޔާސަތުގެ ދަށުން ދިން ހަމަލާއެއް ކަމަށް ހަމާސްއިން ފާހަގަކޮށްފައިވެއެވެ. އަދި މިއީ ޣައްޒާގައި ފަލަސްތީނު ރައްޔިތުންނަށް ދެމުންދާ ނަސްލު މުލިން ކުރުމުގެ ހަނގުރާމައިގެ އިތުރު ބައެއް ކަމަށްވެސް ބުނެފައިވެއެވެ.

ހޫތީ ޖަމާއަތާ ގުޅުންހުރި އަލް-މަސީރާ ޓީވީން ރިޕޯޓުކުރި ގޮތުގައި، މި ހަމަލާގައި ފަސް ސިއްހީ އެހީތެރިންނާއެކު 38 މުވައްޒަފުން ޝަހީދުވެ، 102 މީހުން ޒަހަމްވެފައިވެއެވެ. ހަމާސްއިން ވަނީ ޔަމަނު ރައްޔިތުންނަށް ފުރިހަމަ އެއްބާރުލުން ދޭނެ ކަމަށް ބުނެ، ފަލަސްތީނުގެ މައްސަލައިގައި ހޫތީންގެ ފަރާތުން ދެމުންދާ އެހީތެރިކަމަށް ޝުކުރު އަދާކޮށްފައެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *