ހުއްޓުމަކަށް އައި ހަނގުރާމަ އަލުން ފެށުމަށްފަހު، އިސްރާއީލުން ޣައްޒާއަށް ދެމުންދާ ގިނަ ޢަދަދެއްގެ ޙަމަލާތަކުގައި ޝަހީދުވެފައިވަނީ ހަމައެކަނި އަންހެނުންނާއި ކުޑަކުދިންކަމަށް އދ. އިން ބުނެފިއެވެ. މިގޮތުން އެންމެ ފަހުން ޣައްޒާގެ ދެކުނުގައި ދިން ޙަމަލާއެއްގައި އެއް ޢާއިލާއެއްގެ 10 މެންބަރުން ވަނީ ޝަހީދުވެފައެވެ.
އދ. ގެ އިންސާނީ ޙައްޤުތަކާބެހޭ އޮފީހުގެ ރިޕޯޓުގައި ވަނީ، އިސްރާއީލުން ޣައްޒާގެ ރައްޔިތުން ތަންތަނުން ނެރެ، އިތުރަށް ހަނިވަމުންދާ ސަރަޙައްދުތަކަކަށް މަޖުބޫރުން ބަދަލުކުރަމުންދާކަމަށް ބުނެފައެވެ. އަދި މިކަމަކީ ޣައްޒާގެ ފަލަސްޠީނު ރައްޔިތުންގެ މުސްތަޤްބަލާމެދު ކަންބޮޑުވާންޖެހޭ ކަމެއްކަމަށްވެސް ފާހަގަކޮށްފައިވެއެވެ.
ޚާން ޔޫނިސްގައި ފައްރާ ޢާއިލާގެ ގެއަށް ދިން ޙަމަލާއާ ގުޅޭގޮތުން މަދަނީ ދިފާޢީ ބަހާގެ ތަރުޖަމާނު މަޙްމޫދު ބައްސާލް ވިދާޅުވީ، މި ޙަމަލާގައި 7 ކުދިންނާއެކު 10 މީހުން ޝަހީދުވެ، ހަށިތައް ހޮސްޕިޓަލަށް ގެންދެވިފައިވާ ކަމަށެވެ.
މާރިޗު 18 ގައި ހަމާސްއާއެކު ވެފައިވާ 2 މަސްދުވަހުގެ ހުއްޓުން ނިމުމަކަށް ގެނައުމަށްފަހު އިސްރާއީލުން އަލުން ޙަމަލާތައް ފަށާފައިވެއެވެ. އޭގެފަހުން ދީފައިވާ ޙަމަލާތަކުގައި 1،500 އަށްވުރެ ގިނަ ފަލަސްޠީނުން ވަނީ ޝަހީދުވެފައިކަމަށް ޣައްޒާގެ ޞިއްޙީ ވުޒާރާއިން ބުނެފައިވެއެވެ.


