Tuesday, 28 July 2026

ލަންކާގައި ހަކަތައިގެ މައި މަރުކަޒެއް ގާއިމުކުރަން އިންޑިޔާއާއި ޔޫއޭއީން އެއްބަސްވެއްޖެ

ސްރީލަންކާގައި ހަކަތައާ ގުޅޭ މައި މަރުކަޒެއް ގާއިމުކުރުމަށް އިންޑިޔާއާއި އެކުވެރި އަރަބި އިމާރާތުން އެއްބަސްވެއްޖެކަމަށް އިންޑިޔާގެ ޚާރިޖީ މިނިސްޓްރީން މިއަދު ހާމަކޮށްފިއެވެ. މި އެއްބަސްވުމުގައި ސޮއިކޮށްފައިވަނީ އިންޑިޔާގެ ބޮޑުވަޒީރު ނަރެންދްރަ މޯދީ ސްރީ ލަންކާއަށް ކުރައްވަމުންގެންދަވާ ރަސްމީ ދަތުރުފުޅުގައެވެ.

އިންޑިޔާގެ ޚާރިޖީ ވަޒީރު ވިކްރާމް މިސްރީ ވިދާޅުވެފައިވާ ގޮތުގައި، މި މަޝްރޫއު ގާއިމުކުރާނީ އިސްތިރާޖީ ގޮތުން މުހިންމު ސިޓީއެއް ކަމަށްވާ ޓްރިންކޮމަލީގައެވެ. މި މަޝްރޫއުގެ ދަށުން އެކި ބާވަތްތަކުގެ ތެޔޮ ދައުރުކުރެވޭ ޕައިޕްލައިނެއް ގާއިމުކުރެވޭނެއެވެ. މީގެ އިތުރުން ދެވަނަ ބޮޑު ހަނގުރާމައިގެ ދުވަސްވަރު ބޭނުންކުރި ޓޭންކު ފާމެއް ވެސް މި މަޝްރޫއުގެ ދަށުން ބޭނުންކުރުމަށް ވަނީ ރޭވިފައެވެ.

މިސްރީ ވިދާޅުވެފައިވަނީ އެކުވެރި އަރަބި އިމާރާތަކީ ހަކަތައިގެ ދާއިރާއިން އިންޑިޔާގެ މުހިންމު ބައިވެރިއެއްކަމަށާއި، އެހެންކަމުން މި ސަރަހައްދުގައި ހިންގާ މިފަދަ ފުރަތަމަ މަޝްރޫއުގައި އެ ގައުމު ބައިވެރިކުރުމަކީ އެންމެ އެކަށީގެންވާ ގޮތްކަމަށެވެ.

2022 ވަނަ އަހަރުން ފެށިގެން އިގްތިސާދީ ހީނަރުކަމަކާ ކުރިމަތިލަމުންދާ ސްރީ ލަންކާއަށް އިންޑިޔާއިން ވަނީ ހަތަރު ބިލިއަން އެމެރިކާ ޑޮލަރުގެ އެހީތެރިކަން ފޯރުކޮށްދީފައެވެ. އަދި މި ދަތުރުފުޅުގައި ބޮޑުވަޒީރު މޯދީ ވަނީ 100 މިލިއަން އެމެރިކާ ޑޮލަރުގެ އިރުގެ ހަކަތައިގެ މަޝްރޫއެއް ވެސް ރަސްމީކޮށް އިފްތިތާހުކޮށްދެއްވާފައެވެ.

ކުރިއަށް އޮތް ދުވަސްތަކުގައި މި މަޝްރޫއު ކުރިއަށް ގެންދިއުމަށް ބައިވެރިކުރާނެ ވިޔަފާރިތައް ކަނޑައަޅައި، މަޝްރޫއުގެ މާލީ ކަންކަން ހަމަޖެއްސުމަށް ތިން ގައުމުން މަސައްކަތްކުރާނެ ކަމަށް އިންޑިޔާގެ ޚާރިޖީ މިނިސްޓްރީން ބުނެފައިވެއެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *