މާޗް 23 ވަނަ ދުވަހު ޣައްޒާގެ ދެކުނުގައި 15 އެމަޖެންސީ މުވައްޒަފުން މަރާލި މައްސަލައިގައި އިޒްރޭލުގެ ސިފައިން ކުށްތަކެއް ކުރެވިފައިވާ ކަމަށް އެ ގައުމުގެ ސިފައިން އެއްބަސްވެއްޖެއެވެ.
ރަފާހުގެ ކައިރީގައި ހަމަލާ ދެވުނު ކޮންވޯއިގައި ހިމެނެނީ ޕެލެސްޓީނިއަން ރެޑް ކްރެސެންޓް ސޮސައިޓީގެ އެމްބިއުލާންސްތަކާއި، އދ. ގެ އުޅަނދަކާއި، ޣައްޒާގެ ސިވިލް ޑިފެންސްގެ އަލިފާން ނިއްވާ އުޅަނދެކެވެ. އިޒްރޭލުން ފުރަތަމަ ބުނެފައިވަނީ އެ އުޅަނދުތައް ގޮސްފައިވަނީ ހެޑްލައިޓާއި ފްލޭޝިންގ ލައިޓް ނުދައްކައި، ޝައްކު އުފެދޭ ގޮތަކަށް ކަމަށާއި، އުޅަނދުތަކުގެ ދަތުރު ކުރިން ސިފައިންނާ އެކު ކޯޑިނޭޓް ކޮށްފައި ނުވާ ކަމަށެވެ.
ނަމަވެސް މަރުވި ޕެރަމެޑިކުންގެ ތެރެއިން އެކަކު ނަގާފައިވާ މޯބައިލް ފޯނު ފުޓޭޖުން ދައްކާ ގޮތުގައި އުޅަނދުތަކުގެ ލައިޓްތައް ދިއްލާފައި ހުރިކަން ފެނެއެވެ. އައިޑީއެފްއިން ބުނެފައިވަނީ މެޑިކުންގެ ތެރެއިން މަދުވެގެން 6 މީހުން ހަމާސްއާ ގުޅުން ހުރި ކަމަށެވެ. ނަމަވެސް އެކަމުގެ ހެއްކެއް ހުށަހަޅާފައެއް ނުވެއެވެ. އަދި ސިފައިން ހަމަލާ ދިން އިރު އެ މީހުން ހަތިޔާރު ނުގެންގުޅޭ ކަމަށްވެސް އެއްބަސްވެފައިވެއެވެ.
އައިޑީއެފްގެ އޮފިޝަލަކު ހޮނިހިރު ދުވަހު ނޫސްވެރިންނަށް މައުލޫމާތު ދެމުން ބުނެފައިވަނީ، ސިފައިން ކުރިން ހަމާސްގެ 3 މެންބަރުން ތިބި ކާރަކަށް ހަމަލާ ދީފައިވާ ކަމަށާއި، އެމްބިއުލާންސްތައް އެ ސަރަހައްދަށް އައި އިރު، އެއަރިއަލް ސަވެއިލަންސް މޮނިޓަރުން ސިފައިންނަށް އެންގީ ކޮންވޯއި "ޝައްކުވާ ގޮތަކަށް" ކުރިއަށް އަންނަ ކަމަށެވެ.
ރެޑް ކްރެސެންޓާއި އެހެން ބައިނަލްއަގުވާމީ ޖަމިއްޔާތަކުން މިހާރު ގޮވާލަމުންދަނީ މި މައްސަލައިގައި މިނިވަން ތަހުގީގެއް ކުރުމަށެވެ. އައިޑީއެފްއިން ބުނެފައިވަނީ މި ހާދިސާ ފުންކޮށް ބަލައި، ހާދިސާ ހިނގި ގޮތާއި އެކަން ބެލެހެއްޓުނު ގޮތް ދެނެގަންނާނެ ކަމަށެވެ.


