Tuesday, 28 July 2026

މިޔަންމާގެ ބިންހެލުމުގައި މަރުވި މީހުންގެ އަދަދު 1000 އަށް އަރައިފި

މިޔަންމާގައި ކުރިމަތިވި ވަރުގަދަ ބިންހެލުމުގެ ސަބަބުން ގެއްލުން ލިބުނު ސަރަހައްދުތަކުގައި ސަލާމަތްކުރުމުގެ މަސައްކަތް ކުރުމަށް ބޭރުގެ އެހީތެރިކަން ލިބެންފެށިއިރު، މަރުވި މީހުންގެ އަދަދު 1،002 އަށް އަރައިފިއެވެ.

ރިކްޓަރ ސްކޭލްގައި 7.7 ގެ ވަރުގަދަ ބިންހެލުމެއް އައި އިރު، އަވައްޓެރި ތައިލެންޑްގައި މަދުވެގެން 9 މީހުން ވަނީ މަރުވެފައެވެ. ބެންކޮކްގައި އިމާރާތްކުރަމުންދިޔަ އުސް ޢިމާރާތެއް ވެއްޓި، 30 މީހުން ސަލާމަތްކޮށް، 49 މީހުން އަދިވެސް ވަނީ ގެއްލިފައެވެ.

ޔޫއެސް ޖިއޮލޮޖިކަލް ސަރވޭގެ އަންދާޒާތަކުން ދައްކާ ގޮތުގައި މިޔަންމާގައި މަރުވާ މީހުންގެ އަދަދު 10،000 އަށްވުރެ އިތުރުވެދާނެއެވެ. އަދި ގެއްލުމުގެ އަގު އެ ގައުމުގެ އަހަރީ އުފެއްދުންތެރިކަމަށްވުރެ ބޮޑުވެދާނެ ކަމަށް ލަފާކުރެއެވެ.

ބިންހެލުމާ ގުޅިގެން ޗައިނާ، ރަޝިޔާ، އިންޑިޔާ، މެލޭޝިޔާ އަދި ސިންގަޕޫރުން ވަނީ އެހީތެރިކަން ފޯރުކޮށްދޭން ފަށައިފައެވެ. ދެކުނު ކޮރެއާއިން ވަނީ ފުރަތަމަ އެހީގެ ގޮތުގައި 2 މިލިއަން ޑޮލަރު ދޭން ނިންމައިފައެވެ. އެމެރިކާއިން ވެސް ވަނީ އެހީތެރިކަން ފޯރުކޮށްދޭނެ ކަމަށް ބުނެފައެވެ.

މިޔަންމާގެ މިލިޓަރީ ސަރުކާރުން ބުނާ ގޮތުގައި ބިންހެލުމުގެ ސަބަބުން މަގުތަކާއި، ފާލަންތަކާއި އަދި އިމާރާތްތަކަށް ވަނީ ބޮޑެތި ގެއްލުން ލިބިފައެވެ. މެންޑަލޭ އަދި ނައިޕިޑޯގައި ހުރި 1،000 އެނދުގެ ހޮސްޕިޓަލަކަށްވެސް ވަނީ ގެއްލުން ލިބިފައެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *