އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ އިދާރާއިން ވަނީ ޔަމަނުގައި ހޫތީންނަށް ދެމުންގެންދާ ހަމަލާތަކާ ގުޅޭ މަޢުލޫމާތު ހިމެނޭ އަމިއްލަ ސޯޝަލް މީޑިއާ ގްރޫޕެއްގައި "ދަ އެޓްލާންޓިކް" މަޖައްލާގެ ނޫސްވެރިޔަކު ހިމަނާފައިވާކަން ކަށަވަރުކޮށްދީފައެވެ.
"ދަ އެޓްލާންޓިކް" މަޖައްލާގެ އެޑިޓަރ އިން ޗީފް ޖެފްރީ ގޯލްޑްބާގް ވަނީ މި ހަފްތާގެ ހޯމަ ދުވަހު ޝާއިޢުކުރި ލިޔުމެއްގައި، ސަރުކާރުގެ އިސް ބޭފުޅުން ހަނގުރާމަވެރި ޢަމަލުތަކާ ބެހޭ މަޝްވަރާކުރަމުންދިޔަ ގްރޫޕް ޗެޓަކަށް އޭނާ އެޑްކޮށްފައިވާކަން ހާމަކޮށްފައެވެ.
"މާރޗް 15 ވަނަ ދުވަހުގެ މެންދުރުފަހު 2 ޖެހުމުގެ ކުރިން އެމެރިކާއިން ޔަމަނުގެ ހޫތީ ލަނޑުދަނޑިތަކަށް ހަމަލާދޭން ފަށާފައިވާކަން ދުނިޔެއަށް އެނގުނީ. އެހެންނަމަވެސް، ފުރަތަމަ ބޮން ގޮއްވާލުމުގެ ދެ ގަޑިއިރު ކުރިން މި ހަމަލާ އަންނަން އޮތްކަން އަޅުގަނޑަށް އެނގުނު،" ގޯލްޑްބާގް ލިޔުނެވެ.
ގޯލްޑްބާގްގެ ބަހުން، ސިގްނަލް މެސެޖިންގ އެޕްގައި "މައިކަލް ވޯލްޓްޒް" ނަމަކުން މެސެޖް ރިކުއެސްޓެއް ލިބުނު ކަމަށާއި، ފުރަތަމަ މިއީ ޓްރަމްޕްގެ ނެޝަނަލް ސެކިއުރިޓީ އެޑްވައިޒަރ މައިކަލް ވޯލްޓްޒްކަމާމެދު ޝައްކު އުފެދުނު ކަމަށް ބުނެފައިވެއެވެ.
މި ހާދިސާއަކީ ޤައުމީ ސަލާމަތަށް ނުރައްކާވެދާނެ ކަމެއްގެ ގޮތުގައި ގިނަ ފަރާތްތަކުން ފާހަގަކުރަމުންދާއިރު، މިފަދަ ސިއްރު މަޢުލޫމާތު ހާމަކުރުމުގެ ސަބަބުން އުފެދިދާނެ ނޭދެވޭ ނަތީޖާތަކާމެދު ކަންބޮޑުވުން ފާޅުކުރަމުންދެއެވެ.


