Tuesday, 28 July 2026

އިސްރާއީލުގެ ހަމަލާތަކުގައި 430 އަށްވުރެ ގިނަ ފަލަސްތީނު ރައްޔިތުން ޝަހީދުވެއްޖެ

ހަމާސްއާއެކު ވެފައިވާ ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުން އިސްރާއީލުން ނިމުމަކަށް ގެނައުމަށްފަހު، ފާއިތުވި ދެ ދުވަހުގެ ތެރޭގައި ޣައްޒާއަށް ދެމުންދާ ހަމަލާތަކުގައި 430 އަށްވުރެ ގިނަ ފަލަސްތީނު ރައްޔިތުން ޝަހީދުވެއްޖެއެވެ.

އިސްރާއީލުގެ ހަމަލާތައް އަމާޒުވި ތަންތަނުގެ ތެރޭގައި ބައިތު ލަހިޔާގެ ޖަނާޒާ ގެއެއް ހިމެނޭ އަތަރު، އެތަނަށް ދިން ހަމަލާގައި މަދުވެގެން 24 ފަލަސްތީނު ރައްޔިތުން ޝަހީދުވިއެވެ. މީގެއިތުރުން ދެއިރުލް ބަލާހުގައި ހުރި އދ. ގެ މަރުކަޒަކަށް ދިން ހަމަލާއެއްގައި އދ. ގެ މުވައްޒަފެއް ޝަހީދުވެ، އިތުރު ބަޔަކަށް އަނިޔާވެފައިވެއެވެ.

ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމުގެ ދަށުން އިސްރާއީލުގެ ސިފައިން ޣައްޒާއިން ފައިބާފައިވަނިކޮށް، މިހާރު އެ ސަރަހައްދަށް އަލުން ވަދެ، ނެޓްޒަރިމް ކޮރިޑޯ ހިސޯރުކޮށް، ޣައްޒާ ދެބަޔަކަށް ބައިކޮށް، ރައްޔިތުންގެ ދަތުރުފަތުރު ހުއްޓުވާލާފައިވެއެވެ.

އެމެރިކާގެ ސްޓޭޓް ޑިޕާޓްމަންޓުން ބުނާ ގޮތުގައި ޖެނުއަރީ މަހު އެއްބަސްވެފައިވާ ޝަރުތުތަކާ ތަފާތު "ބްރިޖް ޕްރޮޕޯސަލް" އެއް ހަމާސްއިން ގަބޫލުކުރުމުގެ ފުރުސަތު ވަނީ ހަނިވަމުންނެވެ. އަދި ޔަމަނުގެ ހޫތީންގެ ބާރު އޮންނަ ސަރަހައްދުތަކަށް އިސްރާއީލުން ދެމުންދާ ހަމަލާތައް ފަސްވަނަ ދުވަހަށް ވެސް ކުރިއަށްދާއިރު، އެމެރިކާގެ ރައީސް ޖޯ ބައިޑެން ބުނެފައިވަނީ ހޫތީން "މުޅިން ފަނާކޮށްލެވޭނެ" ކަމަށެވެ.

އިސްރާއީލުގެ ބޮޑުވަޒީރު ބެންޖަމިން ނެތަންޔާހޫ ވެސްޓް ބޭންކުގައި ހުންނަ އިސްރާއީލު ފުލުހުންނާ މުހާތަބުކޮށް ބުނެފައިވަނީ "ޣައްޒާގައި ހަމާސްއާ ދެކޮޅަށް ގަދަ ހަނގުރާމައެއް ކުރަމުންދާއިރު، އެތަނުން އިތުރު ވަރުގަދަ ބިރުވެރިކަމެއް ކުރިމަތިވެދާނެކަމުގެ އިހްސާސް ކުރެވޭ" ކަމަށެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *