އިޒްރޭލުން ޣައްޒާއަށް ދެމުންދާ ހަމަލާތަކުގައި މިހާތަނަށް 50،695 ފަލަސްތީނު ރައްޔިތުން ޝަހީދުވެއްޖެކަމަށް ޣައްޒާގެ ސިއްހީ ވުޒާރާއިން ހާމަކޮށްފިއެވެ. މީގެ ތެރޭގައި ވޭތުވެދިޔަ 24 ގަޑިއިރު ތެރޭގައި ޝަހީދުވި 26 މީހުން ހިމެނެއެވެ.
އިތުރު 113 މީހުން ހޮސްޕިޓަލުގައި އެނދުމަތިކުރެވިފައިވާ ކަމަށާއި، މިހާތަނަށް ހަނގުރާމައިގައި ޒަހަމްވި މީހުންގެ އަދަދު 115،338 އަށް އަރާފައިވާ ކަމަށް އެ ވުޒާރާއިން ބުނެފައިވެއެވެ. ޣައްޒާގެ ސަރުކާރު މީޑިއާގެ ރިޕޯޓުތަކުން ދައްކާ ގޮތުގައި، މާރިޗު 18 ގައި ހަނގުރާމަ އަލުން ފެށުނު ފަހުން، އިޒްރޭލީ ބާރުތަކުން 490 ކުޑަކުދިން ޝަހީދުކޮށްފައިވެއެވެ.
ހާން ޔޫނިސްއާއި ޣައްޒާ ސިޓީއަށް އިޒްރޭލުން ދެމުންދާ ހަމަލާތަކުގައި ވޭތުވެދިޔަ 24 ގަޑިއިރު ތެރޭގައި 46 ފަލަސްތީނުން ޝަހީދުވެފައިވެއެވެ. އަދި ފަތިހުން ފެށިގެން މިހާތަނަށް ދިން ހަމަލާތަކުގައި 43 މީހުން ޝަހީދުވެފައިވާއިރު، ގިނަ އަދަދެއްގެ މީހުން ތަޅާލެވިފައިވާ އިމާރާތްތަކުގެ ތެރޭގައި ވަޅުލެވިފައި ތިބިކަމަށް ވެސް ވަނީ ފާހަގަކޮށްފައެވެ.
އިޒްރޭލުން ވެކްސިން ޣައްޒާއަށް ވެއްދުން މަނާކުރުމުގެ ސަބަބުން 602،000 ކުޑަކުދިން ދާއިމީ ނުކުޅެދުންތެރިކަމާއި، ހަށިގަނޑުގެ ގުނަވަންތައް ބޭނުން ނުކުރެވޭ ހާލަތަށް ދިއުމުގެ ނުރައްކާ ކުރިމަތިވެފައިވާ ކަމަށް ޣައްޒާގެ ސިއްހީ ވުޒާރާއިން ވަނީ ހާމަކޮށްފައެވެ.
އިޒްރޭލުގެ ލާއިންސާނީ އަމަލުތަކުގެ ތެރެއިން އެއް މަސް ދުވަހަށްވުރެ ގިނަ ދުވަސްވަންދެން އިޒްރޭލުން ވަނީ ޣައްޒާއަށް އިންސާނީ އެހީ ފޯރުކޮށްދިނުން ހުއްޓުވާލާފައެވެ. މިކަމުގެ ސަބަބުން ޣައްޒާ ވަނީ ބޮޑު ހަލާކެއްގެ އައްސޭރިއަށް ގޮސްފައެވެ. ފަލަސްތީނު ރެފިއުޖީންނަށް އ.ދ.ގެ ފަރާތުން އެހީތެރިވާ އޭޖެންސީ، އަންރުވާއިން ބުނާ ގޮތުގައި، މިވަގުތު ބޭނުންކުރެވެން ހުރި މަދު ވަސީލަތްތައް ބެހުމުގެ މަސައްކަތް ކުރަމުން ދިޔަ ނަމަވެސް، އެ ވަސީލަތްތައް ވަނީ ހުސްވަމުންނެވެ.


