އޮސްޓްރޭލިއާގެ އިރުމަތީ ސަރަހައްދަށް އިންޒާރުދީފައިވާ ކެޓަގަރީ 2 ގެ ސައިކްލޯން އަލްފްރެޑް ހޮނިހިރު ދުވަހުގެ ހެނދުނު އެއްގަމަށް އަރާނެ ކަމަށް ވަނީ ލަފާކޮށްފައެވެ. މިއީ އެ ސަރަހައްދަށް ވަރަށް މަދުން ކުރިމަތިވާ ބާވަތުގެ ނަގޫރޯޅިއެކެވެ.
އޮސްޓްރޭލިއާގެ ބޮޑުވަޒީރު އެންތަނީ އަލްބަނީޒް ވިދާޅުވި ގޮތުގައި ނގޫރޯޅި އެރުން ލަސްވެފައިވީ ނަމަވެސް، އެއީ އެހާ ރަނގަޅު ޚަބަރެއް ނޫނެވެ. އަދި ރައްޔިތުންނަށް ވީހާވެސް ބޮޑަށް ރައްކާތެރިވުމަށް އިލްތިމާސް ކުރައްވާފައިވެއެވެ.
މި ވަގުތު ހާލަތު އޮތް ގޮތުން، ގަދަ ވިއްސާރައާއި، ވަރުގަދަ ވައި އަދި ކަނޑުގެ އުދައެރުމުގެ ސަބަބުން ބޮޑެތި ފެންބޮޑުވުންތަކެއް ކުރިމަތިވެދާނެ ކަމަށް ބެލެވެއެވެ. މިހާރުވެސް އެތައް ހާސް ގޭގެއިން ކަރަންޓު ކެނޑި، 200 އަށްވުރެ ގިނަ ފްލައިޓްތައް ވަނީ ހުއްޓާލާފައެވެ.
ސަރުކާރުން ބްރިސްބޭން ސަރަހައްދަށް 300،000 އަށްވުރެ ގިނަ ވެލިބަސްތާތައް ފޯރުކޮށްދީފައިވީ ނަމަވެސް، ވެލިބަސްތާ މަދުވުމުގެ ސަބަބުން ބައެއް ރައްޔިތުން ދަނީ ޕުޓީ މިކްސް ބޭނުންކުރަމުންނެވެ. އަދި ސުޕަމާކެޓްތަކުން އަސާސީ ތަކެތި ވަނީ ހުސްވެފައެވެ.
އުތުރު ނިއު ސައުތު ވޭލްސް ސަރަހައްދުން ޖެޓްސްކީއެއްގައި ދުއްވި މީހަކު ގެއްލިފައިވާ ކަމަށް ބެލެވޭތީ، އެ ފަރާތް ހޯދުމުގެ މަސައްކަތް ކުރިއަށްދާއިރު، ހޮސްޕިޓަލްތަކުން ވަނީ ހަމައެކަނި އިމަޖެންސީ ފަރުވާއަށް އިސްކަންދޭން ފަށާފައެވެ.


